އެމަޖެންސީ ސެޓަލައިޓް ކަނެކްޝަން ލިބޭ އައިފޯން 14 ދައްކާލައިފި

އެޕަލްގެ އެންމެ ފަހުގެ ފޯނުތަކާއި ގަޑި ދައްކާލައިފި އެވެ. އައިފޯން 14 އާއި އަލްޓްރާ ގަޑި ދައްކާލީ ރޭ އެމެރިކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި އައިފޯން14 ޕްރޯ އާއި ޕްރޯ މ...

08 Sep 2022 | 06:36

އެޕަލްގެ އެންމެ ފަހުގެ ފޯނުތަކާއި ގަޑި ދައްކާލައިފި އެވެ.

އައިފޯން 14 އާއި އަލްޓްރާ ގަޑި ދައްކާލީ ރޭ އެމެރިކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި އައިފޯން14 ޕްރޯ އާއި ޕްރޯ މެކްސް ދައްކާލި އެވެ.

އަލަށް ތައާރަފު ކުރި އައިފޯން 14 ގެ ދެ ސައިޒެއް ދައްކާލި އެވެ. އެއީ އައިފޯން14 އާއި އައިފޯން14 ޕްލަސް އެވެ.

މި ފޯނުތަކުގެ ބެޓެރި އެއްފަހަރު ޗާޖުކޮށްގެން މުޅި ދުވަހު ހިފަހައްޓާނެ ކަމަށް އެޕަލް އިން ބުންޏެވެ. މި ފޯންތަކުގައި ހިމަނާފައިވަނީ އޭ 15 ބަޔޮނިކް ޗިޕް އެވެ.

އައިފޯން 14 އާއި 14 ޕްލަސްގައި 12 މެގަޕިކްސެލްގެ ކެމެރާ ހިމަނާފައި ވަނީ އެތައް ގުނައެއް ވަރުގަދަކޮށްފަ އެވެ. އަދި ލޯ ލައިޓް ކެޕްޗާ 49 ޕަސެންޓް ވަނީ ވަރުގަދަކޮށްފަ އެވެ.

އައިފޯން 14 ފަސް ކުލަޔަކުން ލިބޭނެ އެވެ. އެއީ މިޑްނައިޓް، ސްޓާލައިޓް، ބްލޫ، ޕާޕްލް އަދި ޕްރޮޑަކްޓް ރެޑް އެވެ.

ތައާރަފު ކުރި އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސްގައި ނޮޗް ކުޑަކޮށްލުމާ އެކު "ޑައިނަމިކް އައިލެންޑް" ހިމަނައިފަ އެވެ. މިއީ ކޮންމެ އެލާޓަކަށް ވަކި ހާއްސަ ސިފަތަކެއް ދެވޭ ފޯނު ޕާސަނަލައިޒްކޮށްލެވޭ ފީޗާއެކެވެ. މި ފޯނުގައި ހިމަނާފައިވަނީ 48 މެގަޕިކްސެލް ކެމެރާއެކެވެ.

މިއީ ޕްރޯ ކެމެރާ ސިސްޓަމެއް ހިމަނާފައިވާ ފޯނެކެވެ. މެކްރޯ ފޮޓޯ ނެގުމާއި ޒޫމްކުރުމާއި ވީޑިއޯކުރުން މި ފޯނުގައި އެޕަލްގެ އެހެން އެއްވެސް ފޯނަކަށް ވުރެ ވެސް އެތައް ގުނައެއް ވަރުގަދަ އެވެ.

ރޭ ނެރެފައިވަނީ އެޕަލް ވޮޗްގެ ސީރީޒް 8 އެވެ. މި ގަޑީގައި ވަނީ ހެލްތާއި ކަނެކްޓިވިޓީ އިތުރަށް ތަރައްގީކޮށްފަ އެވެ. އެންމެ ހާއްސަ ކަމަކީ އަންހެނުންގެ ސިއްހަތަށް ހާއްސަކޮށް ހިމަނާފައިވާ ޓެމްޕަރޭޗާ ސެންސާ އެވެ.

މި ފީޗާއާ އެކު މައްސަރު ކަންތައް މޮނިޓަކުރުމުގެ އިތުރުން ދަރިމައިވުމުގެ ފުރުސަތު ބޮޑު ދުވަސްތައް ނުވަތަ އޮވިއުލޭޝަންގެ ހާލަތު ގަޑިން ދެނެގަނެވޭނެ އެވެ. މި މައުލޫމާތު އެޕަލް ވޮޗުގައި، ހާއްސަ ޕްރައިވަސީއާ އެކު ރައްކާކޮށްދޭނެ އެވެ.

މީގެ ތެރެއިން އައިފޯން 14 ލިބޭނީ 799 ޑޮލަރަށެވެ. އަދި 14 ޕްލަސް ލިބޭނީ 899 ޑޮލަރަށެވެ. އައިފޯން 14 މި މަހުގެ 16 އިން ފެށިގެން ލިބޭނެ އެވެ. އަދި ޕްލަސް ލިބޭނީ އޮކްޓޫބަރު 7 އިން ފެށިގެންނެވެ.

އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް މި މަހުގެ 16 އިން ފެށިގެން ލިބޭނެ އެވެ. ޕްރޯގެ އަގަކީ 999 ޑޮލަރެވެ. އަދި ޕްރޯ މެކްސްގެ އަގަކީ 1،099 ޑޮލަރެވެ.

އައިވޗްގެ އަގުތައް އެކި ވަރުގައި އުޅޭއިރު އެންެމ އަގު ބޮޑު  ޖީޕީއެސް ވާޝަން އުޅެނީ 399 ޑޮލަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް