އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގިކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވ...

08 Sep 2022 | 05:44

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގިކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ރައިސް ޔާމީން އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އެގޮތުން ރައީސް ޔާމީންގެ ބަލި ހާލަތު ހުރިގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށްއެދި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު މިދިޔަ ތިން ދުވަހުވެސް އަޑުއެހުންތައް ކުރިއަށްގެންގޮސްފައިވެއެވެ. މިއަދަށްވެސް ހެކިބަސް ނެގުން ތާވަލްކޮށްފައި އޮތް އިރު، އިއްޔެ އެކަން އިސް ގާޒީ އަހްމަދު ޝަކީލް އިއުލާނުކުރެއްވުމުންވެސް ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ރައީސް ޔާމީންގެ ވަކީލުން އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް އެދިލެއްވިއެވެ.

މިއަދު ތިން ހެކިވެރިޔަކު ހާޒިރުކުރުމަށް އޮތްނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލްވުމުން ދެން އަޑުއެހުމެއް ބާއްވާނެ ވަކި ތާރީހެއް އަދިހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި ހާމަކުރިގޮތުގައި މިއަދުގެ އަޑުއެހުމަށްފަހު ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އަދި 29ގައެވެ.

މި މައްސަލައިގާ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް