ހިޔާ ފަލެޓާއި ގުޅޭ ހުރިހާ ކަމެއް އޮޅުވާލައި ރައްޔިތުންގެ ލޮލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަނދުން އެޅުވީ ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ނުދޭ ކަމަށް ބުނެ ސަރުކާރުން ބޯހިޔާވަހި ކަމުގެ ވައުދު ނުފުއްދާތީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި މައްސަލައިގަ ބަހުސް ކުރައްވަމުންނެވެ.
ޔޫނުސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި އެންމެ ބޮޑު އޮޅުވާލުން އޮޅުވާލީ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ މަޝްރޫއުގައި ކަމަށެވެ. އެގޮތުން މާލޭގައި އާންމު ގޮތެއްގައި ބިމުގެ އަކަފޫޓެއްގެ އަގު100 އެމެރިކާ ޑޮލަރަށް ހުރި ނަމަވެސް ހިޔާ ފްލެޓުތަ ހަދާފައި ހުރި ވިޔާނުދާ ގޮތުން އެތަނުގެ އަކަފޫޓެއްގެ އަގު62،000 ޑޮލަރަށް އަރާ ކަމަށެވެ.
ޔޫނުސް ވިދާޅުވީ އެ މަޝްރޫއުއަކީ އެންމެ ހަރަދު ބޮޑުކޮށް ބޭކާރު ހަރަދުތައް ކޮށްގެން ކުރިޔަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފްލެޓާއި ގުޅޭ ހުރިހާ ގޯސް ކަމެއް މި ސަރުކާރު ބޮލަށް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަން ސާފުކޮށްދެއްވަމުން ޔޫނުސް ވިދާޅުވީ ހިޔާ ފްލެޓުގެ އަގު 5،500 ރުފިޔާއަށް ކުޑަ ކުރެވޭނެ ކަމަށް ބުނެ ރައީސް ޔާމީން ސަރުކާރުގެ ވެރިން އެޗްޑީސީއަށް ސިޓީއެއް ފޮނުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަމަށެވެ. ފްލެޓުތައް އެޅިއިރު އެއަގުގައި ދޫކުރެވޭނެކަން އަންގާފައި ނުވާ ކަމަށާއި އިހުލާސްތެރިކަން ހުރި ނަމަ އޭރު އެކަން އަންގާނެ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިއަދު ސަރުކާރުން އެވާހަކަތައް ދެއްކުމުން އިދިކޮޅަށް ހަޖަމު ނުކުރެވޭ ކަމަށެވެ އެކަމަކު ހަގީގަތަކީ އެއީ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް