ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ސާފުކޮށް ފެންނަން ހުއްޓަ ސަރުކާރާއި ރައްޔިތުން ޖެހޭ ފަދަ ބިލުތަކާއި މައްސަލަތައް މަޖިލީހަށް ހުށަނޭޅުމަށް ހެންވޭރު ދެކުނު ހުސައިން ޝަމީމް (އަނދުން ހުސައިން) ގޮވާލައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމައި ގުޅުވައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި މައްސަލައިގަ މިއަދު ބަހުސް ކުރައްވަމުންނެވެ.
އަންދުން ހުސައިން ވިދާޅުވީ މާލޭ ރައްޔިތުންނަށް ސަރުކާރުން ވީ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދާ ކަމަށް މެމްބަރުންނަށް ވިދާޅު ނުވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން މާލޭގައި އެތައް ހާސް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދާ ކަމަށެވެ.
އެގޮތުން 4،000 ހައުސިން ޔުނިޓުގެ ކޮންޓްރެކްޓުގައި ސޮއިކޮށް އަންނަ ހަފްތާގައި އެ މަޝްރޫއުގެ ލޯނު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ. ދެތިން މަސް ފަހުން އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތްވެސް މި ސަރުކާރުން ފަށާނެ ކަމަށް އަނދުން ހުސައިން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހައުސިން ޑީވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ ކުދި ކުންފުނިތަކާއި ގުޅިގެން ހުޅުމާލޭގައި 500 އެއްހާ ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން ހުސައިން ވިދާޅުވީ ހުޅުމާލެ އާއި މާލެ ސަރަހައްދުން ބިމެއް ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށްވެސް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ތަފްސީލްތަކަކީ ހުރިހާ މެމްބަރުންނަށްވެސް އެނގޭނެ ކަންކަން ކަމަށް ވާއިރު މިފަދަ ބިލުތައް މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ކުރާ ވަރަށް ދެރަ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި މެމްބަރު ބޮންޑޭ ފާހަގަ ކުރެއްވި ރ. އަލިފުށީގައި އެއާޕޯޓު އެޅުމަކީ މައްސަލައެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް އަންނަ ތަރައްގީއަކީ ލިބޭ އުފަލަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މާލެ ތަރައްގީވަމުން ދިޔައިރު މިހާތަނަށް އަތޮޅު ތެރޭގައި ސާފު ބޯފެނާއި ނަރުދަމާނެތި ރައްޔިތުން އުޅެމުން ދިޔަ ދިޔުން ބަދަލު ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތް އުފަލާއި އެކު ފާހަގަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް