ފަތުރުވެރިކަމުގެ ވަޒީފާތަކަށް ފަރުމާކޮށްފައިވާ ފަހިވޭ އެޕް ތައާރަފް ކުރަނީ

ފަތުރުވެރިކަމުގެ ވަޒީފާތަކަށް ފަރުމާކޮށްފައިވާ ފަހިވޭ އެޕް ތައާރަފް ކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށާ...

08 Sep 2021 | 12:58

ފަތުރުވެރިކަމުގެ ވަޒީފާތަކަށް ފަރުމާކޮށްފައިވާ ފަހިވޭ އެޕް ތައާރަފް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ޕްލެޓްފޯމަކުން ގުޅުވާލުމަށް، އެޕްލިކޭޝަނެއް ފަރުމާކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް މިއެޕްލިކޭޝަން ތަޢާރަފް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ ތައްޔާރުވަމުން ކަމަށެވެ.

އެގޮތުން މިއެޕްލިކޭޝަނަށް އެޑްމިނިސްޓްރޭޓަރުން އައްޔަންކޮށް ރަޖިސްޓްރީ ކުރުމުގެ ދައުވަތު ޓޫރިސްޓް ފެސިލިޓީތަކަށް މިހާރުފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ފަތުރުވެރިކަމުގެ ވަޒީފާތަކާއިގުޅޭ ތަފާތު މަޢުލޫމާތު ދެނެގަނެ ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާހޯދާ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެޑްމިނިސްޓްރޭޓަރުން ތަމްރީނު ކުރުމާއި، "ފަހިވޭ" އެޕަށް ޓޫރިޒަމް އިންޑަސްޓަރީގެ ސްޓޭކްހޯލްޑަރުން އަހުލުވެރިކުރުމުގެ އިތުރުން ޕޯޓަލްއަށް ބޭނުންވާ މަޢުލޫމާތުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް މިހާރުކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި އަންނަ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާގައި "ފަހިވޭ" އެޕްލިކޭޝަން ލޯންޗް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުންޏެވެ.

މި އެޕްލިކޭޝަނާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު ހޯއްދެއްވުމަށް 3022230 އަދި އެޕްލިކޭޝަނާއި ގުޅޭ އެހެނިހެން މަޢުލޫމާތު ހޯއްދެއްވުމަށް 3022252 އަށް ގުޅުއްވުމަށް ޓޫރިޒަމް މިނިސްޓްރީން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް