ރޮލެކްސް ގަޑި ދައުލަތަށް ނަގަން ކުރި ރިޝްވަތުގެ ދައުވާއަށް ނިހާން އިންކާރު ކުރައްވައިފި

ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެކޮޅަށް ދައުލަތުން އުފުލި ހަ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ. ނިހާންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ އެމްއެމްޕީއ...

08 Sep 2021 | 11:45

ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެކޮޅަށް ދައުލަތުން އުފުލި ހަ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެންނެވެ. ނިހާނާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދައުވާތަކަކީ މަޖިލީހުގައި ވަކިގޮތަކަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ރޮލެކްސް ގަޑިއެއް ހޯއްދަވާފައިވާ ކަމަށް ބުނެ އުފުލާފައިވާ ރިޝްވަތުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނިހާނާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ޖުމްލަ 36 އަހަރަށްވުރެ ދިގު ޖަލުހުކުމެއް އަންނާނެ އެވެ.

މިއަދުގެ ޝަރީއަތުގައި ދައުވާތަކަށް އިންކާރު ކުރައްވަމުން ނިހާން ވިދާޅުވީ އެ ދައުވަތަކުން ދިފާއުވުމަށް އެކަށީގެންވާ ސާބިތު ހެކި އެބަހުރި ކަމަށެވެ.

ދެން އޮތް އަޑުއެހުމެއްގައި އޮންނާނީ، ދައުލަަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހެޅުމެވެ. އަދި އެ ތުހުމަތުތަކުން ދިފާއުވާން، ނިހާންްއަށްވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ކުރިއަށް ޝަރީއަތުގެ އަޑުއެހުމެއްގައި ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް