ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޓޮމޯޓިވް ވޯރކްޝޮޕް މިއަދު ހުޅުވައިފި އެވެ.
ޕޮލިޓެކްނިކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވޯރކްޝޮޕް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޞިލާ އާއިޝަތު ނަހުލާ އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހުޅުވިގެންދިޔަ މި ވޯރކްޝޮޕް އަކީ އޮޓޯމޯޓިވް މަސައްކަތްތައް ދަސްކޮށްދިނުމާއި އެކަމާއި ގުޅޭ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްތައް ހިމެނޭ ވޯރކްޝޮޕެއް ކަމަށް އެ ތަނުން މަޢުލޫމާތު ދެއެވެ. މިވޯރކްޝޮޕުގައި ދަރިވަރުން ކިޔެވުމާއި މަސައްކަތް ދަސްކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ ހަދިޔާކޮށްފައިވަނީ މީރީ ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު އެެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވާ މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކުފުޅުގައި ޒަމާނީ ފެންވަރެއްގައި މިފަދަ ވޯރކްޝޮޕެއް ހުޅުވިގެން ދިއުމަކީ މިދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ވަޒީފާއާއި އިތުރު ވިޔަފާރީތަކަށް އޮތް ދޮރެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިވޯރކްޝޮޕަކީ ކުރިމަގުގައި ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ރޯޑްވޯރދިނަސް ހެދުމުގައި މިހާރު ލިބެންނެތް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ވޯރކްޝޮޕެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި ރައްސމިއްޔާތުގައި މިނިސްޓަރ ނަހުލާގެ އިތުރުން ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންގެ ވާހަކަފުޅުގައި މިއަދު މިހުޅުވުނު އޮޓޯމޯޓިވް ވޯރކްޝޮޕްގެ ސަބަބުން މޯލްޑިވްސް ޕޮލިޓެކްނިކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވޯރކްޝޮޕް ތަރައްޤީ ވުމުން މިދާއިރާގެ އުފެއްދުންތެރި އާ ޚިޔާލު ތަކެއްގެ ތެރެއިން ރާއްޖޭގެ މާހައުލާ ގުޅޭ އީޖާދީ އުފެއްދުންތަކެއް ފެނިގެން ދާނެކަމުގެ އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާސިރު ތަކުރާރުކޮށް ވިދާޅުވީ އޮޓޮމޯޓިވް ދާއިރާއަށް ކިޔަވަދޭނެ މީހުން ތަމްރީން ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ މި ދާއިރާއިން މީހުން ތަމްރީނުކޮށްދޭނެ ފަރާތްތައް ނުލިބުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޕޮލިޓެކްނިކުން މަސައްކަތް ކުރަމުން ގެންދަނީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ޒަމާނީ ވަސީލަތްތާކާއެކު މީހުން ތަމްރީނުކުރުންކަމަށްވެސް ފާހަގަކުރެއްވި އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮޓޯމޯޓިވް ދާއިރާއިން މީހުން ތަމްރީނުކުރަންފެށުނީ 2016 ވަނަ އަހަރުގައި އެވެ. އަދި އޮޓޯމޯޓިވް ދާއިރާއިން މިހާތަނަށް 80 ދަރިވަރުން ވަނީ ތަމްރީންވެފައެވެ.
މީގެ އިތުރުން އޮޓޮމޯޓިވް ދާއިރާއިން ޕޮލިޓެކްނިކުން މިހާރު ހިންގަމުންދާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ
- ޑިޕްލޮމާ އިން އޮޓޯމޯޓިވް އިންޖިނިއަރިންގ
- އެޑްވާންސްޑް ސެޓްފިކެޓްއިން އޮޓޯމޯޓިވް އިންޖިނިއަރިންގ
- ސެޓްފިކެޓް3 އިން އޮޓޯމޯޓިވް ރިޕެއަރ އެންޑް މެއިންޓަނަންސް
ދެން ޕޮލިޓެކްނިކުން އިތުރު އިންޓޭކްއެއް ފަށްޓާނީ 2022 ވަނަ އަހަރުގެ ޖެނުއަރީގައިކަމަށް ޕޮލިޓެކްނިކްގެ ސްޓޫޑެންޑް ސާވިސް ޑިރެކްޓަރ މާޖިދާ މަޖީދް ވިދާޅުވެ އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް