ހދ. ނޮޅިވަރަމްގައި ކޯވިޑްގެ ހާލަތު ގޯސްވެ، ބަލި މީހުން އުފުލުމަށް އެމްބިއުލާންސެއް ނެތުމުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މި މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެއީ 32 މެމްބަރުންގެ ވޯޓުންނެވެ.
ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޯވިޑް-19ގެ ހާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައި ކަމަށެވެ. އާބާދީގައި 2770އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަމުގައި މިއަދާ ހަމައަށް ކޯވިޑް-19 ބައްޔަށް 202 މީހުން ޕޮޒިޓިވްވެފައިވާއިރު ރަށުގެ ސިއްހީ މަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތް ކަމަށާއި ސިއްހީމަރުކަޒުގައި ބޭނުން ކުރަމުން ދަނީ ޕިކަޕެއް ކަމަށެވެ.
ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ތެރެއިން 3 މީހަކު މިހާރު ވެސް ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި، މިހާލަތުގައި ރަށަށް އަރައި ފޭބުމަކީ ދަތި އުނދަގޫ ކަމަކަށްވެ، ނޮޅިވަރަމު ރައްޔިތުން މިވަނީ ކޯވިޑް-19ގެ ވަބާގައި ވަރަށް ވެސް ހިތްދަތި ކަންތައްތަކާ ކުރިމަތިލާންޖެހިފައި ކަމަށް ބުނެފައިވެއެވެ.
މި ކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެ ފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްހީމަރުކަޒަށް ހޯދައި ދިނުމަކީ ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށް ވެސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް