އަފްގާނިސްތާނުގެ ވަގުތީ އާ ސަރުކާރު ތޯލިބާނުން އިއުލާނުކޮށްފި

އަފްގާނިސްތާނުގެ ވަގުތީ އާ ސަރުކާރު ތޯލިބާނުން އިއުލާނުކޮށްފި އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެޖަމާއަތުގެ ވެރިކަމުގެ ވަގުތީ ބޮޑުވ...

08 Sep 2021 | 05:37

އަފްގާނިސްތާނުގެ ވަގުތީ އާ ސަރުކާރު ތޯލިބާނުން އިއުލާނުކޮށްފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެޖަމާއަތުގެ ވެރިކަމުގެ ވަގުތީ ބޮޑުވަޒީރަކީ މުއްލާ މުހައްމަދު ހަސަން އަހުންދު ކަމަށެވެ. އަދި ވަގުތީ ބޮޑުވަޒީރުގެ ނައިބަކީ މުއްލާ އަބްދުލް ގަނީ ބަރާދަރް ކަމަށެވެ.

ވަގުތީ ބޮޑުވަޒީރަކީ ޠާލިބާން ޖަމާއަތުގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަފްގާންގެ ވަގުތީ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކޮށްފައިވަނީ މުއްލާ އުމަރުގެ ދޮށީ ފިރިހެން ދަރިކަލުން މުއްލާ އުމަރު ޔައުގޫބެވެ.

ކެބިނެޓުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންގެ ތެރެއިން ވަގުތީ ބޮޑުވަޒީރަކީ އދ. އިން ކަނޑައަޅާފައިވާ ނުރައްކާތެރި މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ. އަދި ވަގުތީ އިންޓީރިއާ މިނިސްޓަރު ސިރާޖުއްދީން ޙައްގާނީ އަކީ އެމެރިކާއިން ހޯދަން ބޭނުންވާ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.

ވަގުތީ ސަރުކާރުގައި 33 ކެބިނެޓް މަގާމެއް ހިމެނޭއިރު އެހުރިހާ މަގާމެއްވެސް ދީފައިވަނީ ތޯލިބާން ޖަމާއަތާއި އެ ޖަމާއަތަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސް ލީޑަރުންނަށެވެ.

ތޯލިބާނުން ކުރިންވެސް ބުނެފައިވާގޮތަށް ކެބިނެޓުގެ އެއްވެސް މަގާމަކަށް އަންހެނުން އައްޔަން ކޮށްފައެއް ނުވެ އެވެ. ޒަބީހުﷲ ވިދާޅުވީ ވަގުތީ ކެބިނެޓާއި އެކު ހުރިހާ ސިޔާސީ ފިކުރާއި އަންހެނުން ބައިވެރިވާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވެރިރަށް ކާބުލް ހިފައި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީގެ ސަރުކާރު ވައްޓާލުމަށްފަހު ތޯލިބާނުންގެ ބާރުގެ ދަށަށް ގައުމު ގެންދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ހޯމަ ދުވަހާއި ހަމައަށް އެ ޖަމާއަތުގެ ބާރުގެ ދަށަށް ނުގެންދެވި އޮތް އަފްގާންގެ ހަމައެކަނި ޕްރޮވިންސް ކަމަށްވާ ޕަންޖްޝީރް ވެސް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ތޯލިބާނުން ބުނެފައިވާ ގޮތުގައި މިފަހަރު އެ ޖަމާއަތުން ކުރާނީ ތަފާތުވެރިކަމެކެވެ. އެގޮތުން ވެރިކަމުގައި އަންހެނުން ބައިވެރި ކުރާނެ ކަމަށެވެ. އަދި އަންހެނުންނަށް ސަރުކާރު ވަޒީފާ އަދާ ކުރެވޭނެ ކަމަށާއި މޫނު ބުރުގާ ނާޅާ އާންމު ތަންތަނަށް ނުކުމެވޭނެ ކަމަށެވެ. އަދި އަންހެނުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފަ ވެއެވެ.

އެކަމަކު އަފްގާން ރައްޔިތުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކާއި ގައުމުތަކުން ތޯލިބާނުންގެ މިވާހަކަތައް ގަބޫލެއް ނުކުރެ އެވެ. 2001-1996 ވަނަ އަހަރަށް ތޯލިބާނުން އެ ގައުމުގައި ވެރިކަން ކުރިއިރު އަންހެނުން މޫނު ބުރުގާ އަޅަން މަޖުބޫރު އިރު އިރު އުމުރުން 10 އަހަރުވުމުން އަންހެން ކުދިންނަށް ތައުލީމް ހާސިލް ކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް