އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި އެވެ. އެމަނިކުފާނުގެ މި ބައްދަލުކުރެއްވުން އޮތީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ...

08 Sep 2021 | 04:26

އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

އެމަނިކުފާނުގެ މި ބައްދަލުކުރެއްވުން އޮތީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ.

މިނިސްޓަރ ޝާހިދު އޮސްޓްރިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮސްޓްރިއާގެ ޗާންސެލަރ ސެބާސްޓިއަން ކަރޒް އާއި ބައްދަލުކުރައްވައި، އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެމަނިކުފާނަށް ވަނީ އަރުއްވާފަ އެވެ. އަދި އޮސްޓްރިއާއިން ސްޕީކަރސް ސަމިޓާއި، ވިމެން ސްޕީކަރސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުޙަބާ ދެންނެވި އެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގްއާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެގައުމުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތަށް" ލިބޭނެކަމުގެ ޔަޤީންކަން އޮސްޓްރިއާއިން ދެއްވިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޮސްޓްރިއާގެ ދިފާޢީ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާއި ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ޒިޔާރަތުގައި އޮސްޓްރިއާ ޑިފެންސް މިނިސްޓްރީން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ބައިނަލްއަޤްވާމީ ސުލްހަ ދެމެހެއްޓުމަށް ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވި އެވެ.

ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވިއެނާގައި ހުންނަ އދގެ މަރުކަޒުގެ އިސްވެރިންނާއި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް