ވޯލްޑްކަޕް ކޮލިފައިން: ފްރާންސް ވެސް މޮޅުވެއްޖެ

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ފިންލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވެއްޖެއެވެ. ރޭގެ މެޗުން ފްރާންސް މޮޅުވީ ފިންލެންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަމި...

08 Sep 2021 | 03:59

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ފިންލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ފްރާންސް މޮޅުވީ ފިންލެންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ފިންލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 25 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ކަރީމް ބެންޒެމާގެ އެހީއާއެކު މި ލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ.

ގްރީޒްމަންގެ ލަނޑާއި އެކު އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފްރާންސްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 52 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން އެންޓޮނިން ގްރީޒްމަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުގައި ގްރީޒްމަން ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ 41 ލަނޑާއެކު ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓުގެ ތިންވަނައިގައި އޮތް ފުޓްބޯޅަ ލެޖެންޑް މިޝެލް ޕްލެޓިނީއާ އެއްވަރުކޮށްފައެވެ.

ރޭގެ މެޗުން ފްރާންސް މޮޅުވިއިރު، އެޓީމު ކުރިން ކުޅުނު ދެ މެޗުންވެސް ވަނީ އެއްވަރުވެފައެވެ.

ރޭ މި މޮޅާއި އެކު ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއި އެކު ފްރާންސް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ޔޫކްރޭނެވެ.  ތިންވަނައިގައި އޮތީ ހަ ޕޮއިންޓާއި އެކު ފިންލެންޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް