ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ތުރުކީއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ނެދަލެންޑްސް މޮޅުވެއްޖެއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ނެދަލެންޑްސްއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗު ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ނެދަލެންޑްސްއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މެމްފިސް ޑިޕާއި ދިން ބޯޅައަކުން ޑޭވީ ކްލާސެންއެވެ. މެޗުގެ 16 ވަނަ މިނެޓުގައި ޑިޕާއި ލަނޑެއް ޖަހާ ނެދަލެންޑްސްއަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ޑިޕާއިއެވެ.
ތުރުކީގެ ފަރާތުން ދައް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުލާލިއިރު، އެޓީމުން މެޗުގެ ފަހު ހާފުގެ 45 މިނެޓޫގެ ކުޅުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދު ކޮށެވެ.
އެއާއެކު މެޗުގެ ދެވަނަ ހާފު ތުރުކީން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޑިޕާއި ވަނީ މި މެޗުގައި އޭނާ ގެ ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ގޫސް ޓިލް ނެދަލެންޑްސްގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، އެ ގައުމުގެ ހަވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮންޔެލް މާލެންއެވެ. މި މެޗުގައި ތުރުކީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޗެންގިޒް އުންޑެއާއެވެ.
މި މޮޅާ އެކު ނެދަލެންޑްސް ވަނީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއި އެކު ކޮލިފައިން ގްރޫޕް ޖީގެ އެއްވަނައަށް އަރާފައެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތް ނޯވޭއަށްވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. ނެދަލެންޑަސްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނަ ތުރުކީއަށް ލިބޭއިރު، އެޓީމަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް