ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުއްވުމުން، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިބްތިދާޢީ އަޑުއެހުން މާދަމާ މެންދުރު 2 ޖަހާއިރު ހައިކޯޓުގައި ތާވަލް ކޮށްފައި ވާކަމަށް ހައިކޯޓާ ހަވާލާދީ ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ހާމަކުރާ ގޮތުގައި އިބްތިދާޢީ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން އެ އަޑުއެހުން ތާވަލު ކުރެއްވުމުގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ ލިޔެކިޔުންތައް އެމަނިކުފާނަށް ލިބިދިނުމަށާއި، އެލިޔުންތައް ލިބުމުން އެލިޔުންތައް ދިރާސާކޮށް ވަކީލުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ދިނުމަށް އެދިވަޑައިގަންނަވާފައިވަނިކޮށެވެ. އެހެންނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 12 އޯގަސްޓް 2015 ދުވަހު ހުށަހެޅި އިސްތިއުނާފް ލިޔެކިޔުންތައް ދެވެން ނެތް ކަމަށް ހައިކޯޓުން ރައީސް މުޙައްމަދު ނަޝީދަށް މިއަދު އަންގާވާފައި ވާކަމަށް އެމަނިކުފާނުގެ އޮފީހުން ހާމަކުރެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން އިތުރަށް ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅި ލިޔެކިޔުންތައް ލިބިނުދީ، އަދި، އެމަނިކުފާނަށް ލިޔެކިޔުންތައް ދިރާސާކޮށް، ވަކީލުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ހަނިވާގޮތަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޖަވާބުދާރިވުމަށް އެންގުމަކީ ޤަބޫލުކުރެވޭ ހަމައެއްނޫން ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އިސްވެ ދެންނެވުނު ޙައްޤުތައް ރައީސް ނަޝީދަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިލްތިމާޞްކުރާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް