ނުދަންނަ ނަމްބަރުތަކުން ގުޅައި އެކިއެކި ޕްރޮމޯޝަންތަކާ އެހެނިހެން ކަންކަމުގެ ވާހަކަދައްކައި ފައިސާގެ ބޮޑެތި ޢަދަދުތަކުން ރީލޯޑް ނޫނީ ރާސްޓަސް އަޅައިދިނުމަށް އެދުނު ނަމަވެސް އެފަދަ އެއްވެސް ފަރާތަކަށް ރީލޯޑް ކޮށްދީ ރާސްޓަސް އަޅައި ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ރާއްޖޭގައި ހިންގާ އެކިއެކި ވިޔަފާރި ތަކުގެ ނަމުގައި ގުޅައި ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކުގެ ނަމުގައި ގުޅައި ބޮޑެތި ޢަދަދުތަކުން ރީލޯޑްކޮށް ރާސްޓަސް އެޅުމަށް އެދުމުން ރީލޯޑްކޮށްދީ ރާސްޓަސް އަޅައިދީ ފައިސާ ޓްރާންސްފަރ ކުރުމުގެ މައްސަލަތައް ހުށަހެޅުން ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.
މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2015 ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަތްދުވަހު އެކަނިވެސް މާލެއަށް މިފަދަ 25 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައި ވާކަމަށާއި އެމައްސަލަތައް ބެލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށް އަދި މީގެ އިތުރުން ބައެއް އަތޮޅުތަކަށް ހުށަހެޅޭ މިފަދަ މައްސަލަތައްވެސް ތަޙުޤީޤު ކުރެވެމުން ދާކަމަށް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓަށް ފާއިތުވި ހަތްދުވަހު ހުށަހެޅުނު މިފަދަ މައްސަލަތަކުގެ ތެރޭގައި ސާޅީސް ހާސްރުފިޔާ، ފަންސަވީސްހާސް ރުފިޔާ، ވިހިހާސް ރުފިޔާ ރީލޯޑްކޮށްދީ ރާސްޓަސް އަޅައިދިނުމުގެ ފައިސާގެ މުޢާމަލާތާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރޭގައި ޢާއްމު ގޮތެއްގައި ދެހާސް ރުފިޔާ، ފަސްހާސް ރުފިޔާ ފަދަ ޢަދަދުތަކުން ރީލޯޑްކޮށް ދިނުމާ ރާސްޓަސް ފޮނުވައިދިނުންފަދަ މައްސަލަތައް ހުރިކަން ޖެނެރަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ހާމަކުރެއެވެ.
ރީލޯޑް ކޮށްދިނުމާ ރާސްޓަސް ފޮނުވައި ދިނުމުގެ ނުރައްކާތެރި މި ޢަމަލު ހުއްޓުވޭނީ މިހާރަށްވުރެ ރައްޔިތުން މިކަމަށް ހޭލުންތެރިވެގެންނެވެ. ޚާއްޞަ ގޮތެއްގައި ކާކު ކަންނޭނގޭ އަދި ނުދަންނަ ނަމްބަރަކުން ގުޅައި ކިތަންމެ އަގުހުރި އިނާމުތަކަކާއި ހަދިޔާ ތައް ހުށަހަޅައި، ނަސީބު ގަދަކަމުގެ ވާހަކަ މޮޅަށް ހަދައިގެން ދެއްކިޔަސް އެފަދަ ވާހަކަތަކުގެ ޙަޤީޤަތް ނުބަލައި އަދި އެފަދަ ކޯލްތަކުގެ ޔަޤީންކަން ކަށަވަރު ނުކޮށް ބޮޑެތި ޢަދަދު ތަކުން ފައިސާ ޖަމާކޮށްދީ ރީލޯޑް ކޮށްދީ ފައިސާ ޓްރާންސްފަރ ކުރުން ހުއްޓާލަން ޖެހެއެވެ.
ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތައް ތަޙުޤީޤުކޮށް އެފަދަ މުޢާމަލާތް ކުރާ ބައެއް ނަމްބަރުތަކުގެ ޚިދުމަތް ކަނޑާލުމުގެ މަސައްކަތް ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް