މެދުއިރުމަތީގެ ގައުމުތަކުގައި ދާހިލީ ހަނގުރާމަތައް އިތުރުވެ ގިނަ ދުވަސްވެ ރެފިއުޖީންގެ އަދަދު އެތައް ގުނައެއް އިތުރުވެ އެ ގައުމުތައް ދޫކޮށް ދޫކޮށް ރެފިއުޖީން އެކި ގައުމުތަކަށް ހިޖުރަކުރަމުންދާއިރު ރެފިއުޖީން ނުގެންދިއުމަށް ޑެންމާކުން ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.
ލުބުނާނުގެ ނޫސްތަކާއި އަދި މެދުއިރުމަތީގެ އެހެން ނޫސްތަކުގައި ބޮޑު އަގު ދީގެން ޑެންމާކުން ޖަހަމުން އަންނަ އިސްތިހާރެއްގައި ފާހަގަކޮށްފައިވަނީ ރެފިއުޖީން އައުމަށާއި އަލަށް ވަޒަންވެރިވުމަށް ޑެންމާކު ކަމު ނުދާނެ ސަބަބު ތަކެވެ. އެގޮތުން ދާދި ފަހުން އިސްލާހު ކޮށްފައިވާ އިމިގްރޭޝަން ގާނޫނުގައި ވާގޮތުން އަލަށް އެ ގައުމުގައި ވަޒަންވެރިވާ ފަރާތްތަކަށް އިޖުތިމާއި ހިދުމަތްތައް ލިބޭނީ 50 އިންސައްތައަށް ކަމަށާއި ޑެންމާކަށް ހިޖުރަކުރި ނަމަވެސް އެއް އަހަރުވަންދެން އެއްވެސް މީހަކަށް އާއިލާގެ އެއްވެސް މެމްބަރަކު ނުގެނެވޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
ރެފިއުޖީންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމާއަތްތަކުން ވަނީ ޑެންމާކްގެ މި އިސްތިހާރުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖަރުމަނުވިލާތާއި ސްވިޑަން އަދި އިނގިރޭސިވިލާތުން ރެފިއުޖީންނަށް ދޮރު ހުޅުވާލި ހިނދު ޑެންމާކުން މި ހިންގާ ކެމްޕޭނަކީ އިންސާނިއްޔަތާ ހިލާފު ދިމާ އިދިކޮޅު ކެމްޕޭނެއް ކަމަށް އެ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.
ޑެންމާކުގެ މި އަމަލާމެދު އެގައުމުގެ ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ޑެންމާކުގެ ލެފްޓްވިންގް އަލްޓަނޭޓިވް ޕާޓީގެ ލީޑަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑެންމާކުގެ ސަރުކާރުގެ މި އަމަލުގެ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިފަދަ ކެމްޕޭނެއް ހިންގަން މިއީ އެންމެ ގޯސް ދަނޑިވަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް