މަރިޔަމް ސަމާ، އާއްމު ނަމުން ނަމަ ޓިކްޓޮކް ސަމާ، ޓިކްޓޮކްގައި ކުރިއަށްގެންދާ "ހިތުން ހިތަށް" ފަންޑް ރެއިޒިންގެ މިރޭގެ ޕްރޮގްރާމްގައި ލައްކައެއްހާ ރުފިޔާ އާއިލާއަކަށް ހޯދައިދީފިއެވެ.
މިރޭ ލައްކައެއްހާ ރުފިޔާ ހޯދައިދީފައިވަނީ އިންޑިއާގެ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރުގައި އޮތް އުމުރުން އެންމެ 09 އަހަރުގެ އިބްރާހިމް ޒައުލް މުޙައްމަދުގެ އާއިލާއަށެވެ.
މިރޭ 09:45ގައި ޓިކްޓޮކްގައި ލައިވްކޮށް ފެށި މި ޕްރޮގްރާމް ދުވަސް ނޫހުގެ ފޭސްބުކް ޕޭޖްގައިވެސް ލައިވްކޮށް ދައްކާފައިވާއިރު ގަޑިއިރެއްހާއިރުގެ ތެރޭގައި ފަންޑްރައިޒިންގެ އިވެންޓަށް ދިވެހި ރުފިޔާއިން ނަމަ 93،108.18 ހާހަށްވުރެ ގިނަ ރުފިޔާ އަދި ޑޮލަރުން 464.94 ޑޮލަރު ލިބިފައިވެއެވެ.
ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ހޯދައިދިނުމަށް ޓިކްޓޮކްގައި ސަމާ ކުރިއަށްގެންދާ ހަރަކާތެކެވެ.
މިރޭގެ ލައިވްކުރިއަށްދިޔައިރު ފައިސާ ޖަމާކުރުމަށް ބޭނުންކޮށްފައިވަނީ ސަމާގެ ރުފިޔާ އަދި ސަމާގެ ޑޮލަރު އެކައުންޓެވެ. އެއީ އާއިލާއިން އިންޑިއާގައި ތިބިއިރު އެ އާއިލާގެ އަތުގައި އޮތީ އެއް ފޯނު ކަމަށްވެފައި ލައިވްގައި ކުއްޖާގެ މަންމަ ބައިވެރިވެފައިވަނީ އެ ފޯނުން ކަމަށްވާތީ އާއިލާއިން ސަމާކުރެން އެކަމަށް އެދުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް