އިންޑިއާގެ މާކެޓް ރަގަނޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާގެ އިންފުލުއެންސާސް އަދި ސެލެބްރިޓީސް ރާއްޖެއަށް ގެނުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ވިދާޅުވީ، އިންޑިއާގެ މާރކެޓް ދައްވީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށްށެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން ތިބީ އެގޮތަކަށް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިިއްޔާގެ މިއަދުގެ ސިޔާސަތަކީ ހުރިހާ ގައުމަކާއި ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
"އެއީ އަޅުގަނޑުމެންގެ ސްޓޭޑެއް ނޫން އެއީ، ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހުންނެވި ރައީސެއްގެ ވިސްނުން" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ އިންޑިއާއާއި އެކީގައި ވަރަށް ގާތް ގުޅުމެއް ބާއްވައިގެން، އަދި ދުނިޔެއާއި ގުޅިގެން ކުރިއަށް ދިޔުމެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެކަހެރިވުން ނޫން ކަމަށް ވެސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި އޭގެ ސަބަބުން އިންޑިއާގެ މާރކެޓް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށާއި، އެމްއެމްޕީއާރްސީން ދާދި ފަހުން އިންޑިއާގައި ކުރިއަށް ގެންދެވުނު މާރކެޓިން ރޯޑް ޝޯއަށް އަޝާރާތް ކުރައްވަމުން ފައިސަލް ވިދާޅުވީ، މި އަހަރު ތެރޭގައި އަދި އިންޑިއާއަށް ދާނެ ކަމަށެވެ.
"އޭގެއިތުރުން އަދި އިންފުލުއެންސާސް އަދި ސެލެބްރިޓީސް ރާއްޖެއަށް ގެނެވި އެ މަސައްކަތްވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރިއަށް ދޭ" ފައިސަލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް