"މާދަން ނޫން އަނެއް ދުވަހު ފުރަންވީނު ދެން....! އެހެންވީމާ މި ދެދުވަހު ދެން އެތާ މަޑުކޮށްލަން ފެންނަނީ...!" އައިލީން ވާހަކަ ދެއްކިއެވެ.
އައިލީންއަށް ޖަވާބެއް ދިނުމަށްޓަކައި ރާއިފު އެނބުރި އައިލީން އާ ދިމާލަށް ބަލާލުމަށްފަހު ކުރިއަށް ބަލާލިއިރު ރާއިފުއަށް ފެނުނީ ކުރިމަތީގައި ކަޅު ހެދުމެއްގައިހުރި ވަރަށް ކަޅުބޮޑު މީހެވެ. ސައިކަލް ޖެހޭ ނުޖެހޭ ހިސާބުގައި އަނދިރިގަނޑުގައި ހުރި އެ މީހާ ފެނުމާއެކު ރާއިފު ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އަދި ސައިކަލް މަޑުކުރުމަށް ބުރެކި ޖެއްސުމަށްޓަކައި މަސައްކަތްކުރި ވަގުތު އޮޅިގެން ރޭސްދެވުމާއެކު ސައިކަލު ކަހާލައިގެން ދިޔައީ ވިއްސައިގެންނެވެ. ރާއިފު އާއި އައިލީންވެސް ދިޔައީ ދުރަށް ވިއްސައިގެންނެވެ. ސައިކަލުން ވެއްޓުމާއެކު އައިލީން ތެދުވެއްޖެއެވެ. އެހެން ނަމަވެސް ރާއިފުއަކަށް ތެދުވެވޭގޮތެއް ނުވެއެވެ.
"ކިހިނެތްވީ....؟ މިތަން ފަސްމަޑުވީމަ ވެއްޓުނީތަ....؟ ރާއިފު ނެގުމަށްޓަކައި އަތުގައި ހިފަމުން އައިލީން ސުވާލު ކޮށްލިއެވެ.
"ދެންމެ ވެއްޓެމުންދިޔައިރު ސައިކަލް ކުރިމަތީގައިހުރި ބޮޑުސިންގާ ކަޅު މީހަކު އައިލީންއަށް ފެންނުނުތަ...؟" ރާއިފު ތެދުވަމުން ސުވާލުކޮށްލިއެވެ.
"ކާކު....؟ މިތާކުން އެއްވެސް މީހަކު ނުދެކެން....! މިތަނަކަށް މީހަކު ނުވެސް އާދެއެއްނު...! ކިހިނެތްވީ އަނެއްކާ....؟" ރާއިފު ގައިން ވެލިފޮޅަމުން އައިލީން ވާހަކަދެއްކިއެވެ.
"އައިލީން ބުނިހެން އަހަންނަށްވެސް ހީވަނީ ދެން އަހަރުމެން މާލެ ދާންވީހެން...! މިރަށުގައި މާގިނަދުވަސް ވެއްޖެހެން..." ސައިކަލަށް ނެގުމަށް މަސައްކަތް ކުރަމުން ރާއިފު ބުނެލިއެވެ.
"އަސްލު ބުނެބަލަ... ކިހިނެތްވީ....؟ ކުއްލިއަކަށް ތިވީ ކިހިނެތް...؟" ވެއްޓިފައިއޮތް ސައިކަލް ނެގުމަށް އެހީތެރިވަމުން އައިލީން ބުނެލިއެވެ.
"ވަރަށްބޮޑަށް ފަޔަށްވެސް ތަދުވެއްޖެ...! ފައިތިލައިގައި ރެނދެއްލީ ކަންނޭނގެ....! މިކޮޅުން ޑޮކްޓަރަށް ދައްކާލާފަ މާދަން ހިނގާ އަވަހަށް މާލެދާން....!" ސައިކަލް ދުއްވާލަމުން ރާއިފު ބުނެލިއެވެ.
"އަސްލު ދެން ބުނެބަލަ ވީގޮތެއް...؟ އަނެއްކާ ކިހިނެތްތަވީ....؟" އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.
"ނޭނގެ، ކުއްލިއަކަށް އެދިމާ ގަސްތަކުގެ ތެރެއިން ސައިކަލް ކުރިމައްޗަށް ބޮޑު ކަޅުމީހަކު ނުކުތީ...! ސައިކަލުން ޖެހޭހިސާބު ކައިރީގައި ހުއްޓަ ފެނުނީ...! ކަޅުކަމުން މޫނެއް އެހެންތަނެއް ވަތްކެއްނުވޭ...! އެހެންވެ ބުރަކި ޖައްސަން އުޅެނިކޮށް ވެއްޓުނީ....! އެކަމަކު އައިލީން ތިބުނީއެއްނު އައިލީންއަކަށް އެއްވެސް މީހަކު ނުފެނެއޭ...! އެހެންވީމަ އައިލީން ބުނިހެން މިރަށުގައި މާގިނަ ދުވަހު މަޑުކުރުން ރަނގަޅެށް ނޫން...." ސައިކަލް ދުއްވަމުން ރާއިފު މަޑުމަޑުން ވާހަކަ ދެއްކިއެވެ.
ޖެހިގެން އައިދުވަހު މާލެ ދިޔުމަށްޓަކައި ރާއިފު އާއި އައިލީން ތައްޔާރުވަމުންދިޔައިރު ކޮޓަރި ދޮރުކައިރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަހިނގާލަ ރަޝީދު ހުއްޓުނެވެ. ރަޝީދު ވިސްނަމުން ދިޔައީ އެދަތުރު ލަސްކުރެވޭނެ ގޮތެއް އޮތްތޯއެވެ. އެންމެ ފަހުން ނުހުރެވިގެން ރަޝީދު އެކޮޓަރީގައި ދޮރުގައި ޓަކިޖަހާލިއެވެ.
"ކިހިނެތްވީ....؟" ރާއިފު ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ރަޝީދު ފެނިގެން ސުވާލުކުރިއެވެ.
"މިއަދު އެއްޗެއް ކާލަންވެސް ތިރިޔަށް ނުދާތީ ބަލާލަންވެގެން މިއައީ.... ބަލިވެތަ ތިއުޅެނީ...؟" ކޮޓަރިތެރެއަށް ބޯދިއްކޮލަމުން ރަޝީދު ސުވާލު ކުރިއެވެ.
"އާން....! ފުރަންވެގެން މިއަދު މިއުޅެނީ.... ޕެކްކުރަނީ.... އަހަރުމެން މިއަދަކު ނުކާނަން...!. ޕެކްކޮށްލައިގެން ފުރަން މިދަނީ...." ރަޝީދުއާ ދިމާއަށް ބަލަންހުރެ ރާއިފު ވާހަކަ ދެއްކިއެވެ.
"ފުރާށޭ...؟. އެކަމަކު ބުނީމެއްނު މިކޮޅުގައި ތިންހަތަރު ދުވަސްވާނެއޭ...! ޖޫސްތައްޓެއް ކަހަލަ އެއްޗެއް ގެންނަންތަ...؟ ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ރަޝީދު ވާހަކަ ދެއްކިއެވެ.
"މިގަޑީގަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން...! ލަސްވެގެން މިއުޅެނީ... ރަޝީދުވެސް މިތަނުންދޭ ދެން..!" ދޮރުމަތީގައި ރަޝީދު ހުއްޓާ ރާއިފު ކޮޓަރީގެ ދޮރު ލެއްޕިއެވެ.
"އެއީ ކީއްވެގެން އުޅޭ މީހާގަނޑެއްތަ...؟ މިރަށަށް އައިންސުރެ އަޅައިގަނެގެން...! ބޮޑުކަމެކޭ...! އިރުއިރުކޮޅާ އެއްޗެއް ކާންދޭން ނޫނީ އެއްޗެއް ބޯންދޭން އެބައާދޭ...! މިހާރު ނޭނގެ މިވީ ދެތިންދުވަހުގެ ތެރޭގައި އަހަރުމެންނަށް ކާންދީ ބޯންދީފަހުރީ ކޯއްޗެއް ކަމެއްވެސް.... އެދުވަހު އެ ޖޫހެއް ބޯންދިންފަހުން މިކަންކަން މިވަނީ...." އައިލީން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
މާލެއަށް ފުރުމަށްޓަކައި ރާއިފު އާއި އައިލީން ޖެޓީއަށް ދިޔައިރު ލޯންޗު ފުރުމަށްޓަކައި ވަގުތުކޮޅެއް އޮތުމާއެކު ދެމީހުން ގޮސް އިށީނީ ޖެޓީ ސަރަޙައްދުގައި ހުރި ގަހެއްގެ ދޮށުގައި ހަދާފައިވާ ޖޯލިފަތީގައެވެ. އައިލީން ޖޯލިފަތީގައި އޮވެ، ކަނާތްފަރާތަށް ބަލާލިއިރު އައިލީން އަށް ފެނުނީ ތަންކޮޅެއް ދުރުގައިހުރި މިފްޒާލް އެވެ. އޭރު އެމީހުން ތިބި ހޮޓަލުގައި އުޅޭ ރަޝީދު މިފްޒާލް އާ ދިމާއަށް ހިނގާފައި އާދެއެވެ. އައިލީން ޙައިރާން ވެފައި މިފްޒާލް އާ ދިމާއަށް ބަލަން އޮތެވެ. ރަޝީދު އައިސް މިފްޒާލް ގާތުގައި ހުރެގެން ވާހަކަތަކެއް ދެއްކުމަށްފަހު އެނބުރި ދިޔުމުން މިފްޒާލް ހިނގައިގަތީ ފެރީ އާ ދިމާއަށެވެ. އައިލީން އޮތީ ވަރަށް ހާސްވެފައެވެ. މިފްޒާލް އާއި ރަޝީދުގެ އޮތީ ކޮންގުޅުމެއްބާއޭ އައިލީންގެ ހިތަށް އެރިއެވެ. އަދި ކުއްލިއަކަށް ހިތުގައި ޝައްކުތަކެއް ހިނގައިގަތެވެ. ރަޝީދު ކަންތައް ކުރަން އުޅުނުގޮތް އެއީ އަނެއްކާ މިފްޒާލްގެ ރޭވުމަކަށް ނުވާނެބައޭ އައިލީން ހިތަށް އެރިއެވެ. އައިލީން ހިތުގައި ކުއްލިއަކަށް ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ކިހާ ނުރައްކާތެރި ކަމެއްކަން އައިލީން އަށް އެނގެއެވެ.
"ލޯންޗު އެއޮށް ކައިރި ކުރީ...! ހިނގާ އަވަހަށް އަރަންދާން....! އޭރުން ފަހަތުން ރަނގަޅު ހިސާބަކުން ގޮނޑިއެއް ލިބޭނީވެސް...!" ޖޯލިން ތެދުވަމުން ރާއިފު ބުނެލިއެވެ.
ރާއިފު މިހެންބުނި ކަމުގައިވިޔަސް އެއަޑު އައިލީން އަށް އިވުނު ހެނެއް ހީއެއްނުވެއެވެ. ގުޑިވެސް ނުލާ ދުރު ބަލަހައްޓައިގެން ޖޯލީގައި އައިލީން އޮތެވެ. އައިލީން އޭރުވެސް ވިސްނަމުން ގެންދިޔައީ މިފްޒާލް އާއި އެ ރަޝީދުގެ ގުޅުމާމެދުގައެވެ. މިދަނޑުވަޅުގައި މިފްޒާލް މިރަށަށް އައީ ކީއްކުރަންބާއެވެ.
"އޭ..! ކޮން ޚިޔާލެއްގަ...؟ ހިނގާ ލޯންޗަށް އަރަންދާން...! އަހަރުމެން ނުލާ ލޯންޗު ހިނގައިދާނެ....! މިހާރު މިރަށުން ފުރާހިތް ނެތިފަތަ ތިއޮންނަނީ...؟" އައިލީންގެ އަތުގައި ހިފާލުމަށްފަހު ރާއިފު ވާހަކަ ދެއްކިއެވެ.
"މިރަށުގައި މިކަންތައްތައް ވީގޮތާމެދު މި ވިސްނާލީ...." އައިލީން ޖޯލިން ތެވަމުން ބުންޏެވެ.
ރާއިފުއާއި އައިލީން ލޯންޗަށް އެރުމަށް ހިނގާފައިދިޔައިރު މިފްޒާލް ދުރުގައި އެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ. ސައިކަލުން ވެއްޓި މިފްޒާލްގެ ފަޔަށް ތަދުވެފައިވާތީ، ކޮރު ޖަހަމުން ހިނގާފައިދާތަން ފެނުމުން މިފްޒާލް ވަރަށް ހިތްހަމަ ޖެހުނެވެ. މިފްޒާލްގެ ރޭވުން ކާމިޔާބުވާ ކަމުގެ ކޮޅުމަތި ފެންނަމުންދާތީއެވެ. އެމަންޒަރު ބަލަން މިފްޒާލް ދުރުގައި ހެވިފައިހުރީ ވަރަށް ހިތްހަމަ ޖެހުމާއެކުގައެވެ.
ރޭގަނޑުގެ ވަގުތެވެ. ރާއިފު އާއި އައިލީން ނިދަންވެގެން އެނދުގައި ތިބިއިރު ދަތުރުގައި ދިމާވި އެކިއެކި ވާހަކަތައް ދައްކަމުން ގެންދިޔައީ ހަމައެކަނި ރާއިފުއެވެ. ތަޖުރިބާ ކުރެވުނު އުފާވެރި ވާހަކަތަކާއި، ހިތާމަވެރި ވާހަކަތަކެވެ. އައިލީން އޮތީ އަޑުއަހާށެވެ. ނުވަތަ އަޑުއަހާކަމަށް ހެދިގެން އެހެން ކަމަކާ ވިސްނާށެވެ.
"ކީއްވެ މާ މަޑުމަޑުން ތިއޮންނަނީ...! މާލެ އާދެވުނީމަ އަނެއްކާވެސް ކުރިން ވިސްނި ކަންތައްތަކާ އަނެއްކާ ވިސްނަނީ ދޯ...؟ އައިލީން މަޑުމަޑުން އޮތުމުން ރާއިފު ސުވާލު ކުރިއެވެ.
އައިލީންގެ މޫޑު ބަދަލުކުރުމަށް ޓަކައި ރާއިފު އައިލީންގެ ގައިގައި ބައްދާލިއެވެ. އެވަގުތު ކޮޓަރީގައި ހުރި ފޯނު ރިންގުވާން ފެށިއެވެ.
"މީދެން ކޮންގަޑިއެއް ފޯނު ރިންގުވާން...! ކީއްވެގެންތަ މާ މޫޑު ސަކަރާތްވެފައި ތި އޮންނަނީ...؟ އެކަހަލަ ކަންތައްތަކާ ދެން ނުވިސްނަބަލަ...! މިހާރު އެކަންތައް އެ ނިނުމީނު...! އަހަރުމެންނަށް މިތިބީ އިރާދަކުރެއްވިޔާ ގަދަވެ ސަލާމަތުން އަނބުރާ އާދެވިފަ...!" އައިލީންގެ އަތުގައި ހިފާލަމުން ރާއިފު ބުނެލިއެވެ.
"ނުވިސްނޭގޮތަކަށް ނޫނެއްނު ކަންތައްތައް އެދިމާވީކީ..." އައިލީން، ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ޖަވާބު ދިނެވެ.
"އެފޯނު ކުރާ މީހަކަށް ނޭނގުނު ފޯނު ނުނެގީމަވެސް ފޯނު ކުރުން ހުއްޓާލާކަށް...." މެދުނުކެނޑި ފޯނު ރިންގވާން ފެށުމުން ރާއިފު އެނދުން ތެދުވަމުން ބުނެލިއެވެ.
ހިތްހަމަނުޖެހި ހުރެ ރާއިފު ގޮސް ފޯނު ނެގިއެވެ. އެވަގުތު އައިލީންގެ ހިތް ބުނަމުން ގެންދިޔައީ އެއީ މިފްޒާލްގެ ކޯލެއް ކަމަށެވެ. ރާއިފުގޮސް ފޯނުގެ އަތްގަނޑު ހިއްލާލުމަށްފަހު އެތައް ފަހަރަކު ހެލޯ ކިޔެވެ. އެހެންނަމަވެސް ފޯނުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އައިލީން ރާއިފުއަށް ބަލަހައްޓައިގެން އޮތެވެ.
"ހަލޯ ކިޔާއިރަށް ފޯނު ކަނޑާލަންޏާ ހުއްޓާނުލާ އެގުޅަނީ ކީއްކުރަންތަ...؟" ކުދިކިޔަމުން ފޯނުގެ އަތްގަނޑު ބޭއްވުމަށް ފަހު ރާއިފު ވަނީ ފާޚާނައަށެވެ.
ރާއިފު ފާޚާނާއަށް ވަންވަގުތު އަނެއްކާވެސް ފޯނު ރިންގވާން ފެށިއެވެ. އައިލީން އެނދުން ތެދުވެގެން މަޑުމަޑުން ގޮސް ފޯނު ނެގިއެވެ
"ހަލޯ..."! އައިލީން ބުނި ހަމައެކަނި ޖުމްލައަކީ އެއީއެވެ.
"ނުނިދާ ކީއް ތި ކުރަނީ...؟ މިހާ ދަންވަންދެން އައިލީން ހޭލާއުޅުމަކީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަމެއް އިނގޭ...! އަދި ގުޅާއިރަށް ރާއިފު ލައްވާ ކީއްވެތަ ފޯނު ނަގުވަނީ...! އަހަރެން މިގުޅަނީ ރާއިފުއާ ވާހަކަ ދައްކާކަށް ނޫނޭ...! ރާއިފު އެ އުޅޭނީ އައިލީންގެ ފަރާތުން އެޑްވާންޓޭޖް ނަގަންވެގެންނޭ...! އަހަރެން ދައްކާ ވާހަކަ އައިލީން ޤަބޫލުކޮށްބަލަ...! އެހެން ނޫނީ ކުއްލިއަކަށް މިހާރު ކީއްކުރަން މާ ހެޔޮއެދޭ މީހެއް ކަމަށް ހެދިގެން އޭނަ އުޅެންވީ...!" މިފްޒާލް އެއްފަހަރާ އެތައް ވާހަކައެއް ދައްކާލިއެވެ.
"އަހަންނަށް މިހާރު އޮޅިއްޖެ އެޑްވާންޓޭޖް ނަގަން އުޅޭމީހެއްވެސް...." ހިތްހަމަ ނުޖެހިފައި އައިލީން ވާހަކަ ދެއްކިއެވެ.
"އަދިވެސް އަހަރެން ބުނަނީ އަހަރެން މިވާ ވަރަށް އައިލީން ދެކެ ލޯބިވާނެ މީހަކު އައިލީން އަކަށް ނުލިބޭނެޔޭ...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"މިފްޒާލް ހީކުރަނީ ތިއީ ލޯބިކަމަށްތަ....؟ ތިޔަށް ކިޔަނީ އެހެން ނަމެއް...! އަހަންނާ ނުގުޅާށޭ ބުނީމަ ނުގުޅަ މަޑުން ހުރެބަލަ...!" އައިލީން ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 11 އޯގަސްޓް، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް