އަންނަ ދައުރު ނިމެންވާ އިރަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ހަވާލުކުރާނަން: ރައީސް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ސަރުކާރުން ހިންގާ 'ގެދޮރުވެރިޔާ' ސުކީމްގެ ދަށުން، ފްލެޓު ލިބޭ މީހުންގެ ވަގުތީ  ލިސްޓު  އާންމުކުރި އިރު، އެ ލިސްޓުގައި ހިމެނޭ ޝ...

08 Aug 2023 | 14:15

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ސަރުކާރުން ހިންގާ 'ގެދޮރުވެރިޔާ' ސުކީމްގެ ދަށުން، ފްލެޓު ލިބޭ މީހުންގެ ވަގުތީ  ލިސްޓު  އާންމުކުރި އިރު، އެ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ދެ ވަނަ ދައުރެއް ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އެމަކިނުފާނު މިވަގުތު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ހޯޑެއްދުއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުންނެވެ.

"މިއަދު އެވަނީ މާލޭގެ ފްލެޓް ލިސްޓް އިއުލާނު ކުރެވިފައި. އޭގައި ޝަރުތު ހަމަވާ 13،000 އަށް ވުރެ ގިނަ މީހުން އެބަ ހިމެނޭ، އެއިން ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މާލެއިން ފްލެޓް އަޅާދީ، ހަވާލުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

މި ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓެވެ. އަދި ކޮންމެ އެޕާޓުމަންޓެއްގައި 650 އަކަފޫޓު ހުންނެއެވެ. ހަމައެފަދައިން ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓުގައި 900 އަކަފޫޓު ހުންނާނެއެވެ. މި އަހަރު ނިމުމުގެ ކުރިން އޭގެ ތެރެއިން އެއް ޓަވަރުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އެފްޑީސީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ޖުމްލަ 165 މިލިއަން ޑޮލަރު (2.65 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މިދިޔަ ބުދަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ..

އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު “ގެދޮރުވެރިން ޕޯޓަލް” އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ..

ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް”  މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު ވަނީ  8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް