ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގަދަކަމުން ގެއްލުވައިލި ފަހުން ނުވަ އަހަރު ފުރިހަމަ ވީއިރުވެސް އިންސާފު ނުލިބުމާއި ގުޅިގެން އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑީވެސް(އޭޑީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރިލްވާން ގެއްލުވައިފީފަހުން ނުވަ އަހަރު ފާއިތުވީއިރު މިއަދާ ހަމައަށްވެސް ރިލްވާން ވަގަށް ނެގުމަށްފަހުގައި އޭނާއަށް ވީގޮތެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި އެ ކުށުގައި ހަރަކާތްތެރިވީ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނެވިފައެއްވެސް ނުވާކަމަށް އޭޑީއެމް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރިލްވާން ވަގަށް ނަގައި، ގަދަކަމުން ގެއްލުވައިލުމަށް ރާވައި، އެކަން ހިންގުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދިފައެއް ނުވާ ކަމަށް އޭޑީއެމް އިން ބުނެއެވެ. އަދި ރިލްވާން ގެއްލުވައިލައި، އެ ހަރަކާތުގައި މައްސަލައިގެ ތަހުގީގަށް ބުރޫ އަރާފަދަ އެކި އަމަލުތަކުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރި މީހުންނާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްވެސް ނުވާކަމަށް އެ އެސޯސިއޭޝަން އިން ވަނީ ހާމަކޮށްފއެވެ.
އޭޑީއެމް އިން ބުނާ ގޮތުގައި މިކަންތައްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނަވައި، 2018 ވަނަ އަހަރު އެންމެ ވަރުގަދައަށް ވެވަޑައިގެންނެވި އެއް ވައުދެއް ކަމެވެ.
ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރާއި، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި އިރާ ތަފާތެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވެ، ނުރުހުން ފައުޅުކުރެވޭ ކަމެއްކަމަށް އޭޑީއެމް އިން ބުނެފައިވެއެވެ.
އެގޮތުން، ރިޔާސީ އިންތިހާބު ގަތްވެފައިވާ މި ދަނޑިވަޅުގައި، ދެން އަންނަ ސަރުކާރަކުން މިހާރާށް ވުރެ ރަނގަޅަށް މިމައްސަލައިގެ ތަހުގީގު އަދި މަރާލައިފައިވާ މީހުންނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އާއިލާތަކަށް ދިނުމަކީ އެންމެހައި ސިޔާސީ ޕާޓީތަކުގެ ފަރާތުން އޭޑީއެމް އިން ވަނީ އެދިފައެވެ.
އަޙްމަދު ރިލްވާން އަބްދުﷲ އަކީ މޯލްޑިވްސް އިންޑީޕެންޑެންޓް ނޫހުގެ ނޫސްވެރިއެއްގެ އިތުރުން ލިޔުންތެރިކަމާއި ދިވެހި ބަސް އަދި ސަގާފަތަށް ލޯބިކުރަމުން އައި ޒުވާނެކެވެ.
އޭނާގެލިޔުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މައުލޫތަކަށް އަލިއަޅުވައިލައިފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ބާރަށް ފެތުރެމުންދާ ދީނީ ހަރުކަށީ ފިކުރާ ދެކޮޅަށް ރިލްވާން އަޑުއުފުލުމަށް ގެންދިޔައެވެ.
ނަތީޖާއެއްގެ ގޮތުން ރިލްވާންއަށް ގިނަގުނަ އިންޒާރުތަކާއި ނުރައްކާ ކުރިމަތިކުރުވުމަށްފަހު، އޭނާ 8 އޮގަސްޓް 2014 ވަނަ ދުވަހު ބަޔަކު ހަމަލާދީ، ވަގަށް ނަގައި، ގަދަކަމުން ގެއްލުވައިލައިފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް