ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑު:ފައިސަލް

ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، ރާއްޖޭގައި ފ...

08 Aug 2023 | 10:08

ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ފެންވަރު ރަގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ފައިޞަލް ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އަދި ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި، އަދި ހަމައެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާއްމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
މިރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރެދެއްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 2018 ގައި އޮގަސްޓް 8 ގައި އޭޑިކޭ ހޮސްޕިޓަލްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް