ކުޑަކުދިންނަށް ކުރާ އަނިޔާގެ 189 މައްސަލަ މިހާތަނަށް ޗައިލްޑް ހެލްޕްލައިނަށް ހުށަހަޅާފައިވާކަމަށް ޗައިލްޑް އެންޑެ ފެމެލީ ޕްރޮޓެކްޝަން ސަރވިސަސް އިން ބުނެފިއެވެ.
ޗައިލްޑް ހެލްޕްލައިން އަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން ގުޅައި، ރިޕޯޓު ކުރުމަށް ކަނޑައަޅާފައިވާ ނަންބަރެކެވެ. އެ ނަންބަރަކީ 1412 އެވެ.
އެ ސަރވިސަސްއިން ބުނީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހެލްޕްލައިން އަށް 9736 ފޯނު ކޯލު ލިބިފައިވާ ކަމަށެވެ. އޭގެ ެތރޭގައި ހިމެނެނީ:-
- މައްސަލަ ހުށަހެޅުމަށް 322 ކޯލް
- ހުށަހަލާފައިވާ މައްސަލައެއްގެ ފޮލޯއަޕް ހޯދުމަށް 3396 ކޯލް
- މައުލޫމާތު ހޯދުމަށް 966 ކޯލް
- ސައިލެންޓް ކޯލްސް 976
- ޕްރޭންކް ކޯލްސް 476
- އެހެނިހެން 3600
މައްސަލަ ހުށަހެޅުމަށް ގުޅާފައިވާ 322 ފަރާތުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ 189 މައްސަލައެއް ވަނީ އެ ސަރވިސަސްއަށް ހުށަހަޅާފައެވެ. އޭގެ އިތުރުން ހުށަހަޅާފައި ވަނީ ކުޑަކުދިންގެހައްގުތަކާ ގުޅުންހުރި ހަތް މައްސަލަ އަކާއި އަހްލާގީ 17 މައްސަލައަކާއި އާއިލީ 96 މައްސަލައެއްގެ އިތުރުން އެހެނިހެން 13 މައްސަލައެކެވެ.
މައްސަލަ ހުށަހަޅާފައިވާ ސަރަހައްދުތަކަށް ބަލާއިރު، ދ. އަތޮޅުންނާއި ޏ. އަތޮޅުން މިފަދަ އެސްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސިޓީ އިންނެވެ. އެއީ 164 މައްސަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް