ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ ހަވީރު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި އަހަރުގެ ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
.އެހެންކަމުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް އީސީން ވަނީ އެދިފައެވެ.
ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް އެ ކޮމިޝަނަށް ހުށަހަޅަން ޖެހެެއެވެ. ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އަށް ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ އެމްޑީޕީ، ޕީއެންސީ، ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް އެވެ. އަމިއްލަ ގޮތުން ފޯމު ހުށަހެޅި ތިން ކެނޑިޑޭޓުންގެ ކެނޑިޑެންސީއާ މެދު އީސީން އަދި ގޮތެއް ނުނިންމައެވެ.
އަމިއްލަ ކެނޑިޑޭޓުންގެ ފޯމުތައް ބަލައިގަތުން ލަސްވަނީ ތާއީދު ފޯމުތައް ބަލާޗެކްކުރާތީ ކަމަށް އީސިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް