ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ފަސް ގައުމެއްގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ފަސް ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. މީގެ ކުރިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް ރީ-ރަޖިސ...

08 Aug 2023 | 03:51

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ފަސް ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މީގެ ކުރިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް ރީ-ރަޖިސްޓަރ ކުރީ ހަތަރު ގައުމަކުންނެވެ. އެއީ މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގެ އިތުރުން، އިންޑިޔާގެ ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގައެވެ. އެ ލިސްޓަށް އިތުރުވީ އަބޫދާބީއެވެ.

އެއީ ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީ ވީ ގައުމުތަކެވެ.

ސިންގަޕޫރު، ތައިލޭންޑް، އަބޫދާބީ އަދި ޖަޕާނުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ވޯޓުލާ މީހުން ރަޖިސްޓަރީ ނުވާ ކަމަށް އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވިއެވެ.

އަށް ގައުމެއްގައި ރިޔާސީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓަން އީސީއިން މީގެ ކުރިން ނިންމިއެވެ. ނަމަވެސް ބާކީ ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓެނީ، ވޯޓު ފޮއްޓެއް ބެހެއްޓޭ ވަރަށް މީހުން ރީ-ރަޖިސްޓަރ ނުވާތީއެވެ.

ހަބީބް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ޖުމުލަ604 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް މީގެ ކުރިން ލަފާކުރީ އިންޑިޔާ، ސިންގަޕޫރް، ތައިލޭންޑް، ސްރީލަންކާ، އަބޫދާބީ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި ޖަޕާނުގައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.  ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،755 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް