ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަހުމަދަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވަޒީފާ އަލުން ދީފި އެވެ.
ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާ ލެކްޗަރާއެކެވެ. އޭނާ ވަޒީފާއިން ވަކި ކުރީ މިދިޔަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު އެވެ.
ވަޒީފާއިން ވަކި ކުރީ ސޯޝަލް މީޑިއާގައި ތަފާޓު ކަންކަމުގައި ހިޔާލު ފާޅު ކުރަމުން ގެންދާތީ އެވެ. ވަޒީފާއިން ވަކި ކުރި އިރު އެންމެ ހޫނު ބަހުސް ކުރެވެމުން ދިޔައީ އަންހެން ކުދިން ހިތާނަ ކުރުމުގެ މައްސަލައިގަ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ އަލުން ވަޒީފާ ދީފައިވަނީ އިއްޔެ ކަމަށާއި ރަސްމީކޮށް އެމްއެންޔޫގެ ވަޒީފާއަށް ނުކުންނަވަން ފަށާފައިވަނީ މިއަދު ކަމަށެވެ. އަދި ނާއިންސާފުން ވަކި ކުރި ވަޒީފާ އަލުން ލިބިފައި މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ.
އެމްއެންޔޫއިން ޑރ. އިޔާޒަށް އަލުން ވަޒީފާ ދޭން އަމުރު ކުރީ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުންނެވެ. ޑރ. އިޔާޒު ނުހައްގުން ވަޒީފާއިން ވަކި ކުރިކަމަށްބުނެ އޭނާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ޓްރައިބިއުނަލުން އެންގީ ކުރިންދިން މުސާރަ އާއި އެކު ހަތް ދުވަސް ތެރޭ ވަޒީފާ ދިނުމަށެވެ.
އެ އަމުރު ނެރުނީ މިދިޔަ ޖޫން މަހުގެ20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް