ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 16، 17 އަހަރުގެ ކުދިންތަކެއް ކުރާނެ ކުށެއް ކުރަން، އުޅޭނެ ގޮތަަކަށް އުޅެން ލާމު އަތޮޅުގެ ވެރިކަންކުރާ ރަށް، ފޮނަދޫ ތެރެއަށް ދޫކޮށްލާފައި ތިބޭތީ އެ ކުދިންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް އާންމު އުނދަގުލަކާއި ބިރުވެރިކަށްވެފައިވާކަމުގައި އެ ރަށުން ބުނެފިއެވެ.
މީގެ ތިން ދުވަސް ކުރިން ދުވަސް ނޫހަށް އެ ރަށުން މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން މައުލޫމާތުދިން ގޮތުގައި 16، 17 އަހަރުގެ ފިރިހެން ކުދިންތަކެއް މީގެ ދެތިންމަސް ކުރިން އެ ރަށުގައި ހުންނަ އަމާންވެއްޓަށް ގެންދިޔައެވެ. އެ ކުދިން ފުރަތަމަ ކޮޅު ރަށުތެރޭގައި އާންމުގޮތެއްގައި ނިކުމެ ނޫޅުނު ނަމަވެސް މަހެއްހާ ދުވަސްތެރޭގައި އެކަން ބަދަލުވެ ބޭނުންވަގުތަކު ގްރޫޕް ހަދާފައި ރަށުތެރޭގައި ނިކުމެ އުޅެން ފެށިއެވެ. އަދި ރަށު ތެރޭން ވައްކަން ކުރުމުގެ ޝަކުވާތަކާއި އަންހެން ކުދިންނާ ފޮށުމުގެ ޝަކުވާތަކާއި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމުގެ ޝަކުވާތަކުގެ އިތުރުން ރަށުގައި އަމަން އަމާންކަން ގާއިމުކުރަން ތިބޭ ފުލުހުންނާ ފޮށުުމުގެ ޝަކުވާތައްވެސް އެކުދިންނާއިމެދު ގިނަވެފައިވާކަމަށް އެ ރަށުން މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
މިކަމާއި ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ މީޑިއާ އޮފިސަރު އަމްނާ އިމާދު ވިދާޅުވީ މީގެ ދެތިންމަސް ކުރިން އުމުރުން 15 އަހަރާއި 17 އަހަރުގެ ކުދިންތަކެއް ދެކުނުގެ އަތޮޅެއްގައި ގާއިމްކޮށްފައިވާ އަމާންވެއްޓަަަސް އެ ސާވިސްއިން ބަދަލުކޮށްފައިވާނެ ކަމަށާއި މިދިޔަ މުއްދަތުގައި އެ ކުދިންނާއި ގުޅޭގޮތުން ހުރި ބއެއް ކަންކަން އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
"ކުދިން އަނބުރާ މުޖްތަމައުއަށް ނެރުމަށްޓަކައި، އެ ކުދިންނާއި އެ އުމުރު ފުރައިގެ އެހެން ކުދިން ހިމެނޭހެން ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި އެ ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް މި ސާވިސްއިން އަންނަނީ ކުރަމުން" އަމްނާ ވިދާޅުވިއެވެ.
އަމްނާ އިތުރަށް ވިދާޅުވީ ޕްރޮގްރާމް ހިންގުމަށްޓަކައި ކުދިން އަވަސް މުއްދަތެއްގައި އެ ޕްރޮގްރާމް ހިންގާ މަރުކަޒަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތު ހިއްސާކުރި، ލ. ފޮނަދުއަށް ނިސްބަތްވާ ބެލެނިވެރިއަކު ބުނީ ބެލެނިވެރިން އެންމެ ކަންބޮޑުވާ އެއް ކަންބޮޑުވުމަކީ އެ ކުދިންނާއި ޖެހި އިއްޔެ މިދާކަށް ދުވަހު ސްކޫލު ނިންމައި ނިކުތް ކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅިގެން ދިއުމުގެ ފުރުސަތު ބޮޑުވުން ކަމަށެވެ.
"މިހާރަކަށް އައިސް އެ ކުދިންތައް އުޅެމުން އަންނަނީ ރަށުގެ އެ ފުރައިގެ ކުދިންތަކަކާވެސް އެކީގައި، އެ ކުދިން ތިބެނީ ބޯ ދިގުކޮށްފައި، ތަންތަން ތޮރުފާފައި، ރަށުތެރޭގައި ނުކުރާކަށް ކުށެއް ނެތްކަމަށް ބުނަނީ، ފުުލުހަކު އެއްޗެކޭ ބުންޏަށް އެ ފުލުހަކާވެސް ފޮށެހަދާ، މާ ވަރުގަދަ ކުދިންތަކެއް އެއީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައިގާ އެންމެ ބޮޑަށް ބާރުބޮޑުވަނީ އެ ރަށުގެ ކަައުންސިލަށެވެ. އެގޮތުން ކައުންސިލަށް އެތައް ބަޔަކު މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އަންނައިރު އޭގެ ތެރޭގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ކަންބޮޑުވުމާއި ޝަކުވާތައް ވަކިން ގިނަކަމުގައި ރަށު ކައުންސިލުން ބުނެއެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރަމުން ރަށު ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ އެ ޝަކުވާތައް ލިބެމުން އަންނާތީ ރަށުގައި ގާއިމްކޮށްފައިވާ އަމާންވެށީގެ އިސް ފަރާތްތަކުގެ އިތުރުން ޖެންޑާ މިނިސްޓްރީން ރަށަށް ޒިޔާރަތްކުރި ޓީމަކާވެސް ބައްދަލުކުރެވި އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރެވުނު ކަމަށެވެ.
"އެއީ އެކި ކުށެގެ ރެކޯޑުތައް އޮންނަ ކުދިންތަކަކަށް ވެފައި، ރަށުތެރޭގައި އެފަދަ ކުށްތައް ފެތުރި މުޖްތަމައާ ނުގުޅޭ ކަންތައްތަކެއް އާންމުވެދާތީ އެކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިންގެ ފަރާތުން ލިބެމުން އެބަދޭ، އެކަމަށް ހައްލެއް ހޯދުމަށް ކުރިންވެސް މިނިސްޓްރީއާ މަޝްވަރާ ކުރެވުނު، އަނެއްކާވެސް އެފަދަ މަޝްވަރާތަކެއް ކުރުމަށް މިދަނީ ތައްޔާރުވަމުން" ކައުންސިލް ރައީސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް އެ ކުދިން އެހެން ތާކަށް ގެންދާނެކަމުގައި މިނިސްޓްރީން ކުރިން ވިދާޅުވިނަމަވެސް އެކަން އެގޮތަށް ހިނގާފައިނުވާކަމަށެވެ.
"ރަށުގެ ކޮމިއުނިޓީއާ ވަރަށް ނުގުޅޭ ސްޓައިލެއްގެ ކުދިންތަކަކަށްވެފައި ރަށުގެ ކުދިންތަކެއް އެ ކުދިންނާ ޖެހި ކުށުގެ ވެއްޓަށް ހުށަހެޅޭތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިންގެ އެންމެ ބޮޑީ" ނިންމާލަމުން ރިޔާޒް ވިދާޅުވިއެވެ.
ދުވަހަށް މަައުލޫމާތު ލިބިފައިވާގޮތުގައި އެ ކުދިން ތިބޭ އަމާންވެށީގައި އެ ކުދިން ބެލެހެއްޓޭވަަރަށްވުރެ މުވައްޒަފުންގެ އަދަދުވެސް ދަށެވެ. އަދި އެ ކުދިން އެ ވެށީގެ އެއްވެސް ފަރާތެއް ބުނާ ބަހެއް ނާހާ ކަމާއި ބުނާ އެއްވެސް އެއްޗަކަށް ބޯ ނުލަނބާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް