އަމިއްލަ ރަށް ނޫން ރަށްރަށަށް ގޮސްގެން ކިޔަވައިދޭ ޓީޗަރުންނަށް ހާއްސަ އެލަވެންސްއެއް ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ، މާލެ ކަހަލަ ބޮޑެތި ސިޓީތަކުގައި ޤުރުއާން އަދި އިސްލާމް ކިޔަވައިދެއްވާނެ ދިވެހި ޓީޗަރުން ވަރަށް ގިނައިން އެބަތިއްބެވި ކަމަށެވެ. އެކަމަކު ކުދި އާބާދީތައް ހުންނަ ރަށްރަަށަށް ޓީޗަރުން ހޯދައި އެރަށްރަށަށް ދާނެ ޓީޗަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުދި ރަށްރަށަށް ކިޔަވައިދޭން ދާނެ ދާނެ ޓީޗަރުން ހޯދުމަށް އެތައް ފަހަރަކު އިއުލާނު ކުރިޔަށް އެ ވަޒީފާތަކަށް ދިވެހި ޓީޗަރުން ނުލިބޭ ކަމަށެވެ. އެހެންވެ މި އަހަރު ފަސް ރަށަކަށް ފޮނުވާފައިވަނީ އިންޑިއާއިން ގެނައި ގާރީންތަކެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުދި ރަށްރަށަށް ކިޔަވައިދޭން ދާ ޓީޗަރުންނަށް އިތުރު އެލަވަންސް ދޭން ނިންމީ އެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެންގެވުމުން ކަމަށެވެ.
މީގެ ތެރެއިން ހާއްސަކޮށް ޤުރުއާން ޓީޗަރުން ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދުމަށް އިސްލާމިކް ޔުނިވާސިޓީ އަދި ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެންވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން200 ޤުރުއާން ޓީޗަރުން ތަމްރީން ކުރުމަށް އަމާޒު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޑރ. އައިޝަތު ވިދާޅުވީ، އެ ޕްރޮގްރާމް ހިންގާނީ އެފަދަ ޓީޗަރުން ބޭނުންވާ ރަށްތަކަށް ހާއްސަކޮށްގެން ކަމަށެވެ.
މުދައްރިސުން ތަމްރީނު ކުރާ ތަންތަނާ ގުޅިގެން ކުރިއަށް އޮތް 10 އަހަރަށް މުދައްރިސުން ބޭނުންވާ ދާއިރާތަކަށް މުދައްރިސުން ތަމްރީނު ފަށާފައިވާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން ހަގީގަތުގައި މަސައްކަތްކުރަނީ މުސާރައަކަށް ނޫނެވެ. އެ މީހުން އަދާކުރަނީ 24 ގަޑިއިރުގެ ވަޒީފާއަކަށް ވާތީ ޓީޗަރަކަށް ހައްގު އުޖޫރަ ދިނުމަކީ ވެސް ދަތި ކަމަކަށް ވިޔަސް، ޓީޗަރުންނަށް ރަނގަޅު ގޮތް ހެދުމަށް އަބަދު ވެސް މަސައްކަތްކުރާ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް