މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ޕެސްޓު ހައްޔަރު ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި އެވެ. އޭނާއާ އެކު އިތުރު ހަތަރު މީހަކު ހައްޔަރު ކުރި އިރު އެމީހުންގެ އަތުން 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
އެ މައްސަލައިގަ ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމުން އެ މައްސަލަ ޕެސްޓުގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފަ އެވެ.
އެ ކޯޓުން މިއަދު ކުރި ހުުކުމުގައިވަނީ އޭނާގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުރުމުންނާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ބަންދާ މެދު ގޮތެއް ނިންމުމުގައި ކޯޓުން ބަލަންޖެހޭނީ އެ ކަންތައްތަކަށް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ޕެސްޓްގެ ބަންދު މުއްދަތު އިތުރުކުރަން ދައުލަތުން އެދުނުއިރު، އެގޮތަށް އެދެނީ ޖިނާއީ އިޖްރައާތުގެ ގާނޫނުުގެ 60 ވަނަ މާއްދާގެ ކޮން އަކުރެއްގެ ދަށުން ކަން ބުނެދީފައި ނެތުމަކީ ޕެސްޓްގެ ހައްގު ގެއްލޭ ކަމެއް ކަމަށް އޭނާގެ ފަރާތުން ބުނެފައި ވިޔަސް، ގެއްލުނު ހައްގަކީ ކޮބައިކަން އޭނާއަށް ބުނެދެވިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާ ބަންދު ކުރަން ދައުލަތުން ހުށަހެޅި ފޯމްގެ ނުބައި ތަނެއްގައި ތަތްގަނޑު ޖަހާފައި ވިޔަސް، އެއީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޕެސްޓު ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިި ކުރާކަމުގެ ހެކި ޕެސްޓާ ދެކޮޅަށް ހުރެ، އޭނާގެ ފަރާތުން މުޖުތަައުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ބުނެ އެވެ.
ޕެސްޓުގެ މައްޗަށް އުފުލާފައި ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް