ރިލްވާނަށް ވީގޮތް އެނގޭ މީހުން އެބަތިބި، ހެކި ބަސްދޭން ފަސްޖެހޭތީ ހައްލު ހޯދަނީ!

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގަ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބޭނެ ގޮތްތަކެއް ރާވަމުންދާ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ މަރު ކޮމިޝަނުން...

08 Aug 2021 | 10:03

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގަ ތަހުގީގަށް ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބޭނެ ގޮތްތަކެއް ރާވަމުންދާ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ މަރު ކޮމިޝަނުން ބުނެފި އެވެ.

މިއަދަކީ ރިލްވާން ގެއްލުނުތާ ހަތް އަހަރުވީ ދުވަހެވެ. ދުވަހާއި ގުޅިގެން މިއަދު މަރު ކޮމިޝަނުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަަށް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގަައި މައްސަލައިގެ މައުލޫމާތު އެނގޭ މީހުން ހެކިބަސް ދިނުމަށް ޖެހިލުންވާ މައްސަލަ ކަމަށް ބުނެ އެވެ.

މަރު ކޮމިޝަނުން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކަމަށެވެ. އެކަންކަން ހައްލުވުމުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެ، މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމުގައި ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ބުނެފައިވެ އެވެ.

މަރު ކޮމިޝަނުން ބުނިގޮތުގައި، ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މިހާރު ވެސް އަންނަނީ އެކުލަވައިލަމުންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ރާއްޖޭގެ އިޖުތިމާއީ، ސިޔާސީ، ދީނީ އަދި އާބާދީގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ އަމާޒަކީ އެ ޖަރީމާ ހިންގުމުގައި ކުޑަ ނަމަވެސް ބައިވެރިވުމެއް އޮތް ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާނަށް ވީގޮތް ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މަރު ކޮމިޝަން އުފެއްދި އެއް މަގުސަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް