ގްރީސްގެ ޖަޒީރާ ރަށެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ދިއުމާއިއެކު އެތަށް ހާސް ބަޔަކު އެމެޖެންސީގައި ރަށުން ބާލައިފިއެވެ.
އެވިއާ ނަމަކަށް ކިޔާ މި ރަށުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލު ނުވެ ފެތުރޭތާ މިހާރު 6 ދުވަސް ވަނީ ވެފައެވެ.
މިކަމުގެ ސަބަބުން އެތަށް ހާސް ބަޔަކު ރަށުން ބާލުވައި ސަލާމަތީ ސަރަޙައްދުތަކަށް ބަދަލު ކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ފެރީތައްވެސް ރަށުގެ ކައިރީގައި އިތުރު މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް ތައްޔާރީ ޙާލަތުގައި އޮތް ކަމަށް ރޮއިޓަރޒްއިން ރިޕޯޓު ކުރެއެވެ. ގުރީސްގެ ވެރިރަށް އެތެންސްގައި ވެސް ދާދި ފަހުން ވަނީ ބޮޑު އަލިފާންގަނޑެއް ފެތުރެން ފަށާފައެވެ.
މި އަލިފާންގަނޑު މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް، އެވިއާގައި ފެތުރެމުންދާ އަލިފާންގަނޑު ވަނީ ކޮންޓްރޯލްވާ ގޮތް ނުވެފައެވެ. މި ރަށަކީ ވެރިރަށް އެތެންސްގެ އުތުރުން އޮންނަ ބޮޑު ރަށެކެވެ.
މި ރަށުގެ ރީތި ޖަންގަލީގެ ސަރަޙައްތުތައް ހިމެނޭހެން މިހާރު އެތައް ހާސް ހެކްޓަރަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. މިއާއިއެކު، އެ ރަށުގެ ގިނަ އަވަށްތަކަކުން މިހާރު ވަނީ މީހުން ހުސް ކޮށްފައެވެ.
ރައްކާތެރި ހިސާބުތަކަށް ބަދަލުވާ ގިނަ މީހުން ބުނަނީ މިހާރު މުޅިން މާޔޫސް ވެފައިވާ ކަމަށާއި، ގޯތި ގެދޮރާއި ދިރިއުޅުމުގައި ހޯދާފައިވާ ހުރިހާ އެއްޗެއް މި އަލިފާނުގެ ކާރިސާގައި ގެއްލިފައިވާ ކަމަށެވެ. އަދި ގިނަ އަވަށްތައް މުޅިން ސުންނާފަތި ވެފައިވާ ކަމަށްވެސް މި މީހުން ބުނެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ގްރީސްގެ ގިނަ ހިސާބުތަކެއްގައި މިފަދަ އަލިފާންގަނޑު ވަނީ ފެތުރެން ފަށާފައެވެ. މިއީ ފާއިތުވެ ދިޔަ 30 އަހަރުގެ ތެރޭގައިވެސް އެ ޤައުމަށް ކުރިމަތި ވެފައިވާ މިފަދަ އެންމެ ބޮޑު ކާރިސާއެވެ. ގްރީސްގެ ހޫނުމިން އެތަށް ގުނައެއް އިތުރުވެ، އެ ޤައުމުގެ ގިނަ ޖަންގަލިތަކެއް އަނދާ ގިނަ ޖަނަވާރުތައްވެސް ވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ ގެދޮރާއި ވިޔަފާރިތައްވެސް ވަނީ މި އަލިފާންގަނޑުތަކުގައި އަނދާ އަޅިއަށް ވެފައެވެ.
ގްރީސްގެ ސިފައިން އަންނަނީ އަލިފާންގަނޑުތައް ނިއްވުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ގްރީސްގެ އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ ޤައުމުތަކުންވެސް މިހާރު ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ. އެގޮތުން ފަރަންސޭސިވިލާތާއި މިސްރާއި ސްވިޒަލޭންޑުގެ އިތުރުން ސްޕޭނުންވެސް ވަނީ އަލިފާން ނިއްވާ މީހުންނާއި އެކަމަށް ބޭނުން ކުރާ ވައިގެ އުޅަނދުތައް ގްރީސްއަށް ފޮނުވާފައެވެ.
އެވިއާ ރަށުގައި އެކަނިވެސް 570 ފަޔަރ ފައިޓަރުން އަންނަނީ ޙަރަކާތްތެރި ވަމުންނެވެ. މިހާތަނަށް ކޯސްޓުގާޑުންވަނީ 2000 އަށް ވުރެ ގިނަ ބަޔަކު އެ ރަށުން ސަލާމަތީ ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
މެދުތެރޭ ގްރީސްގެ ގަވަރުނަރު ފެނިސް ސްޕޭނޮސް މި ކާރިސާއާއި ގުޅިގެން ސްކައި ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެފައިވާ ކަމަށާއި، އެ ކަމުން އަރައިގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ސަބަބީ ބޮޑު ހިސާބުގަނޑަކަށް އަލިފާން ފެތުރިފައިވާތީ ކަމަށްވެސް ސްޕޭނޮސް ވިދާޅުވިއެވެ.
ގްރީސްގެ ގިނަ ހިސާބުތަކެއްގައި މިފަދަ އަލިފާންގަނޑު ފެތުރިފައި ވުމުގެ ސަބަބުން އުޑުމަތިވެސް ވަނީ ބިރުވެރި ރަތް އޮރެންޖު ކުލައަކަށް ބަދަލު ވެފައެވެ. އަދި ވަރަށް ބޮޑަށް ވައި ތަޣައްޔަރުވެފައިވެސް ވެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހޫނު މިން މިހާ ބޮޑަށް މަތިވެ، އަލިފާންތައް ފެތުރެނީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް