ވެކްސިން ނުޖަހާނަމަ ކުރިން ކޯވިޑު ޖެހުނު މީހުންނަށް އަލުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑު

ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންނަށް ކޮވިޑު އަލުން ޖެހުމުގެ ފުރުސަތު ކޮވިޑަށް ފައްސިވި ނަމަވެސް ވެކްސިންއާއިއެކު ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ވެފައިވާ މީހުންނަށް ވުރެ ދެގު...

08 Aug 2021 | 08:05

ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި މީހުންނަށް ކޮވިޑު އަލުން ޖެހުމުގެ ފުރުސަތު ކޮވިޑަށް ފައްސިވި ނަމަވެސް ވެކްސިންއާއިއެކު ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ވެފައިވާ މީހުންނަށް ވުރެ ދެގުނަ ބޮޑު ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލްއިން ހާމަ ކޮށްފިއެވެ.

ކޮވިޑު އަލުން ޖެހުމުގެ ފުރުސަތު އޮތް މިންވަރު ބަލަން ކުރި ކުރު ދިރާސާއެއްގެ މައްޗަށް ބިނާކޮށް ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލްއިން (ސީޑީސީ) ބުނީ އެއްގޮތަކަށްވެސް ވެކްސިން ނުޖަހާ މީހުންނަށް ކޮވިޑު ދެވަނަ ފަހަރަށް ޖެހުން ދެ ގުނައަށްވުރެވެސް އިތުރު ކަމަށެވެ.މި ދިރާސާ ކޮށްފައި ވަނީ މި އަހަރުގެ މެއި އަދި ޖޫން މަހު އެމެރިކާގެ ކެންޓަކީގައި ދިރިއުޅޭ އެތައް ސަތޭކަ މީހުންނެއް ބައިވެރި ކޮށްގެންނެވެ.މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ 2020 ވަނަ އަހަރު ކޮވިޑު 19 އަށް ފައްސި ވެފައިވާ މީހުންނެވެ.

އެގޮތުުން، މީގެ ތެރެއިން މިހާރު ވެކްސިން ޖަހާފައި ނުވާ ފަރާތްތަކަށް އަލުން ކޮވިޑު ޖެހުމުގެ ފުރުސަތު 2.34 ގުނަ އިތުރުވެފައި  ވާކަން މި ދިރާސާއިން ހާމަ ވެއެވެ.އަދި މި ބަލިން ރަނގަޅު ވެފައިވާ މީހުން ވެކްސިން ޖެހުމުން ޤުދުރަތީ ގޮތުން ލިބިދޭ ދިފާޢަށްވުރެ (ނެޗުރަލް އިމިއުނިޓީ) ބޮޑު ދިފާޢުއެއް ލިބޭ ކަމަށްވެސް މި ދިރާސާއިން ހާމަ ވެގެން ގޮސްފައި ވެއެވެ.

މިއީ މަދު އަދަދެއްގެ މީހުން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެއް ނަމަވެސް، މި ދިރާސާގެ ނަތީޖާއިން ހާމަ ވެގެންދަނީ ވެކްސިން ޖެހުމުގެ މުހިންމުކަން ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އެގޮތުން، ނިޔު ޔޯރކް ޓައިމްސްގައި ބުނެފައި ވަނީ، އެމެރިކާގެ ސެނެޓަރއެއް ކަމަށްވާ ރޭންޑް ޕޯލްފަދަ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ނޫން ކަމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ވާހަަކަތަކުގައި އޮއްޓަރެއް ނެތް ކަމަށް ބުނެފައެވެ.

ސެނެޓަރ ޕޯލް ވިދާޅުވަމުން ގެންދަވަނީ އެ ބޭފުޅާ ފަދައިން ކޮވިޑު ކުރިން ޖެހިފައިވާ މީހުން ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް މި ދިރާސާއިން ސާބިތުވާ ގޮތުގައި، ކުރިން ކޮވިޑު ޖެހިފައި ވީ ނަމަވެސް ވެކްސިން ފުރިހަމަ ކުރުމަކީ ލިބިދޭ އިތުރު ދިފާޢުއެއްކަން އެނގިގެން ދެއެވެ.

ސީޑީސީގެ ޑިރެކްޓަރު ޑރ.ރޮޝޭލް ޕީ.ވޮލެންސްކީ ވިދާޅުވީ ކޮވިޑުގެ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ވެކްސިން ފުރިހަމަ ކުރުން އިތުރަށް މުހިންމު ވެފައިވާ ކަމަށާއި، ކުރިން ކޮވިޑު ޖެހި އެބަލިން ރަނގަޅު ވެފައިވާ ފަރާތްތައްވެސް ވެކްސިން ޖެހުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ޑެލްޓާ ވޭރިއެންޓަކީ ހަލުވި ކަމާއިއެކު ފެތުރިގެންދާ ވޭރިއެންޓެއް ކަމުން،އަމިއްލަ ނަފްސާއި ކައިރީގައި އުޅޭ އެހެން މީހުންގެ ރައްކާތެރި ކަމަށްޓަކައި ވެކްސިން ޖެހުމަށް ޑރ.ވޮލެންސްކީ ވަނީ ތަކުރާރުކޮށް އިލްތިމާޒް ކުރައްވާފައެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތުން ބުނެފައި ވަނީ ވައިރަހާއި ދެކޮޅަށް ހަށިގަނޑުގައި އުފައްދާ ނެޗުރަލް އިމިއުނިޓީ ހުންނާނީ ކިހާ ދުވަހަކަށްކަން މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. އަދި މި ދިރާސާގައި ޖެނޮމިކް ސީކުއިންސިންގ ހަދާފައި ނުވާތީ ބައިވެރިންގެ ގައިން ފެނުނީ އައު އިންފެކްޝަންއެއް ކަމެއް ނުވަތަ ކުރިންވެސް އެމީހުންގެ ގައިގައި ހުރި އިންފެކްޝަންއެއްކަންވެސް ޔަޤީން ނުވާ ކަމަށް ދިރާސާގެ މުޞައްނިފު ވަނީ ވިދާޅުވެފައެވެ.

ޖޯ ބައިޑެންގެ ސަރުކާރާއި ސީޑީސީއިން ކޮވިޑު ދިފާޢު ވެކްސިން ޖެހުމުގެ ކެމްޕޭންތައް މެކުހަށް ޖަހާފައި ވަނީ ވޭތުވެ ދިޔަ މަހުގައި އެމެރިކާގައި ކޮވިޑު ބަލިމީހުންނަށް ހަސްފަތާލު ކޮށްގެން ފަރުވާ ދޭން ޖެހޭ މިންވަރު އިތުރުވާން ފެށުމާއި ގުޅިގެންނެވެ. ޚާއްސަކޮށް އެމެރިކާގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން މަދު ހިސާބުތަކުގައި ޑެލްޓާ ވޭރިއެންޓު ހަލުއި ކަމާއިއެކު އަންނަނީ ފެތުރެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް