މިދިޔަ ހަފްތާގައި އިންޑިއާގެ ޓީވީ ޑްރާމާތައް ބަލާ މީހުންނަށް ލިބުނު ހަބަރަކީ އެކްތާ ކަޕޫރުގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ކުޅެން ލިބުނު ފުރުސަތު ދިވްޔަންކާ ތްރިޕާތީ ދޫކޮށްލި ވާހަކަ އެވެ.
އޭނާ އެ ފުރުސަތު ދޫކޮށްލީ އެ ސިލްސިލާގެ ލީޑްރޯލު ކުޅެން ސޮއިކޮށްފައިވާ ބަތަލް ނަކުލް މެހެތާއަށްވުރެ ދުވަސްވެފައި ހުރި ކަމަށް ދައްކާތީ އަމިއްލައަށް އެގޮތަށް ނިންމައިގެންނެވެ. އެކަމަކު މިހާރު ރިޕޯޓުތައް ބުނަނީ އެފުރުސަތު އެހެން ބަތަލާއަކަށް ދޭން ނިންމީ އެ ސަބަބާއި ހެދި ޕްރޮޑަކްޝަން ޓީމުންނެވެ.
އެ ސިލްސިލާގެ ދެވަނަ ސީޒަންއެއް އުފެއްދުމުގެ ތައްޔާރީތައް ވަމުންދާއިރު އިއްޔެގައި މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްތާ ކަޕޫރަށް އެ ސިލްސިލާއަށް ނަކުލްހާ ޒުވާން އަދި ބަލާލަން ނަކުލްއަށްވުރެ ޅަ ވައްތަރު ޖަހާ އަންހެން ބަތަލާއެއް ލިބުނު ވާހަކަ އެވެ. އެއީ މީގެ ކުރިން ނަކުލް އާއި އެކު އެ ސިލްސިލާއެއްގައި މަސައްކަތް ކޮށްފައިވާ ދިޝާ ޕަރްމަރެވެ.
އެ ދެ މީހުން އެކޮށް ފެނިގެން ގޮސްފައިވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ސިލްސިލާ "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" އިންނެވެ.
ރިޕޯޓުތައް ބުނާގޮތުގުައި "ބަޅޭ އައްޗޭ ލަގް ތޭ ހޭ"ގެ ލީޑް ރޯލު ކުޅުމަށް ދިޝާ މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވަނީ އެ ސިލްސިލާއިން ނަކުލްގެ ޕާޓްނަރުގެ ގޮތުގައި ދިޝާ ފެންނާނެ ކަން ޔަގީން ކުރެވިފައި ވީނަމަވެސް ޕްރޮޑަކްޝަން ޓީމުން އެކަން ޔަގީން ކޮށްދޭން އަދި ބޭނުން ނުވާ ކަމަށެވެ.
ދިޝާ ސިލްސިލާއަށް ސޮއި ކޮށްފައިވާއިރު އެ ޑްރާމާ ދިވްޔަންކާގެ އިތުރުން ސްޓާ ޕްލަސްގެ "ސާތު ނިބާނާ ސާތިޔާ" ގެ ފުރަތަމަ ސީޒަންގެ ބަތަލާ ޑެވޮލީނާ ބަޓަޗަރްޖީ ވެސް ހުށަހެޅި ކަމަށްވެ އެވެ. އޭނާ އެ ޑްރާމާ ކުޅެން އެއްބަސްނުވި ސަބަބެއް ނޭނގެ އެވެ.
ދިޝާ ވަނީ "ބިގް ބޮސް 14" ގެ ދެ ވަނަ ލިބުނު ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާއާ މިދިޔަ މަހު ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް