ރާއްޖޭގެ ޖަލުތަކަށް މަނާ ތަކެތި ވައްދާ މައްސަލަ ބޮޑުވެ އެކަން ހައްލު ކުރަން އޮޕަރޭޝަންތަކެއް ފަށައިފި އެވެ.
ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެއާއި ހުސްވި ހަފްތާގައި އައްސޭރިޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގަންފައިވާ ކަމަށެވެ.
ޖަލުތަކަށް މަނާ ތަކެތި ވައްދާ މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ޖަލުތަކަށް މަނާ އެއްޗެތި ވައްދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެކަން ހައްލު ކުރުމަށް އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާއި ވަނީ ހަވާލުކޮށްފަ އެވެ. ސީޕީ ވިދާޅުވީ މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެތި އުކާ މައްސަލަ ހައްލުވާނެ ކަމަށެވެ.
މީގެ އިތުރުން ޖަލުތަކަށް ފޯނު ފަދަ އެއްޗެހި ވައްދައިގެން ޖަލުން ބޭރުގައި ތިބޭ މީހުންނާ މުއާމަލާތްކުރާތީ އެކަން ހުއްޓުވުމަށްޓަކައި ޖޭމަރު ހަރުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް