މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން: ޕްލޭނިން މިނިސްޓްރީ

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ އިންޑަސްޓްރިއަލް ވިލެޖުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް...

08 Aug 2021 | 04:54

މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫންކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ އިންޑަސްޓްރިއަލް ވިލެޖުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ދޫކޮށްފައިވާ ބިމެއް މާލެ ސިޓީ ކައުންސިލުން ހުސްކުރި މައްސަލަ ފެންމަތިވުމުން ފޮނުވި ސިޓީއެއްގައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ސޮއިކުރައްވައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސްޓެލްކޯގެ ފަރާތުން މާލޭގައި ގާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ އާލާތްތައް ބެހެއްޓުމަށް، އެ މިނިސްޓްރީން އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ބިން ދޫކޮށްފައިވާކަމަށެވެ. މި ބިމުގައި ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުން ނަގާފައިވާކަމަށް އެ މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބަހުގެ ޚިދުމަތް ދިނުމަށް ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގެ 3 ނަމްބަރު ކޮށިން ވަގުތީގޮތުން ދޫކޮށްފައިވާ ބިން ވެސް މާލެ ސިޓީ ކައުންސިލުން ބަންދުކޮށްފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖުގެ ބިމަކީ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބިމެއް ނޫން ކަމަށެވެ. އަދި ސްޓްލްކޯއަށް ދޫކޮށްފައިވާ ބިމުން ސިޓީ ކައުންސިލަށް ނަގާފައިވާ އެއްވެސް އެއްޗެއް ވާނަމަ އެ އެއްޗެއް ސްޓެލްކޯއާ ހަވާލުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

3 ނަންބަރު ކޮށި ބަންދުކޮށްފައިވާނަމަ އެތަން އަލުން ހުޅުވުމަށް ވެސް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް