ރައީސް އަބްދުﷲ ޔާމީނަށް އޭޝިއާ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް (އެޗްއާރްޑީ) އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފި އެވެ.
މެލޭޝިޔާގެ ޕުޓްރަޖަޔާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ އެމަނިކުފާނުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގެންނެވީ މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފަހުމީ ހަސަނެވެ.
ރައީސް އޮފީހުން ބުނީ މި އެވޯޑު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ތަރައްގީއަށް ކުރައްވާފައިވާ މަސައްކަތްޕުޅާއި އެޗްއާރުޑީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންނަށް ދެއްވާ ހިތްވަރާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ފަދަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވާ ފަދަ މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެވޯޑް ދިނުމުގެ ހަފުލާގައި ވީޑިއޯ މެދުވެރިކޮށް ރައީސް ޔާމީން ވިދާޅުވީ މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑަކާއި ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެއަށް ގެންނަން ބޭނުންވާ ބިނާކުރަނިވި ބަދަލުތަކުގެ މަސައްކަތުގައި ރައްޔިތުންނަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީގައިވާ ގައުމު ކަމަށް ވިދާޅުވި އެވެ. އެގޮތުން މީގެ 50 އަހަރު ކުރިން ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރަކީ 200 ޑޮލަރު ކަމަށާއި، އެހެން ނަމަވެސް މިއަދު އެ އަދަދު 8000 ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުސްތަގްބަލުގައި ރާއްޖެ އަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭ، ސުލްހަވެރި އަދި ކުރިއަރާފައިވާ ގައުމަކަށް ވާން އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް