މިނިވަން ނޫހުގެ ނޫސްވެރުޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރު ވުމާއި ގުޅިގެން ބޭއްވި ހިނގާލުމުގެ ތެރެއިން ދެ މެންބަރަކާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
ރިލްވާންގެ އެކުވެރިންނާއި އާއިލާގެ އިތުރުން ބައެއް އަމިއްލަ ޖަމިއްޔާތަކާއި ހެޔޮ އެދޭ ފަރާތްތަކުން އިންތިޒާމު ކުރި އެ ހިނގާލުން ފެށީ އާޓިފިޝަލް ބީޗުންނެވެ. ފުލުހުން ހިނގާލުމުގެ ބައިވެރިންނަށް ހުރަސް އަޅާ ހުއްޓުވީ ޕީޖީ އޮފީހާއި ހިސާބުން މަޖީދީ މަގުންނެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވެ އެވެ. އަދި ހިނގާލުމުގެ ބައިވެރިން ގެންގުޅުނު ޕޯސްޓަރު ތަކާއި ބެނާތައް އަތުލި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ހިނގާލުން ރޫޅާނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތަކަށް ވާތީ ކަމަށެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. ރިލްވާން "ވަގަށް ނެގި" މައްސަލައިގެ ތަހުގީގު ހިންގި ނަމަވެސް ފުލުހުން އެކަމާ ބެހޭ މާ ބޮޑު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް