އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމިޓީއަކަށް

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވ...

08 Aug 2017 | 08:16

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ސަލާމަތުގެ ކޮމެޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށެވެ. މަޖިލީހަށް މައްސަލަ ހުށަހެޅުއްވި އަށް މެމްބަރުންނަކީ އެމްޑީޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ގަމު ދާއިރާގެ ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ތޮއްޑޫ ދާއިރާގެ އިބްރާހިމް ހަސަނެވެ.

ތިން ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވައި ފޮނުވި ސިޓީގައި ބުނެފައިވަނީ އަނަސްގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އެކަމާއި ގުޅޭ މުއައްސަސާތަކާ ބައްދަލުކުރުމަށް މަޖިލިސް ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅާ ކަމަށެވެ. އަނަސް އަށް އިންސާފު ހޯދައި އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި މީދޫގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.

އަނަސްގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ބުނެފައި އެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންކަން ޔަގީން ކުރެވޭ ބަޔަކު ކަމަށެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެ އެވެ.

އަނަސްގެ ގައިގެ އެތައް މިތަނަށް 37 ފަހަރު ވަޅި ހަރާފައިވާއިރު މެޔަށާއި ކަރަށްވެސް ވަނީ ވަޅި ހަރާފައި އެވެ. އެރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް