ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަން ފަރީހާ ޝަރީފާއި އިތުރު ދެ މެންބަރުން ނުހިމެނޭ ގޮތަށް ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަން ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅައިފި އެވެ.
ބީއެމްއެލްއިން ބުނީ ފަރީހާގެ އިތުރުން މިފަހަރުގެ ބޯޑުގައި ހިމެނިވަޑައިނުގަންނަވަނީ މުހައްމަދު އުމަރު އާއި މުރުތަލާ މުހައްމަދު ދީދީ އެވެ. ވޭތުވެ ދިޔަ ދެ އަހަރު ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންނެވުމަށް ފަރީހާ ބީއެމްއެލްއިން ވަކިވާން ނިންމީ އަމިއްލަ ވަގުު ދެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ބޭންކުގެ ޕްރޮފެޝަނަލްކަމާއި ގާއިމުކޮށްފައިވާ މިންގަނޑުތަކާއި ހޯދާފައިވާ ކާމިޔާބީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ހަމައެއްގައި އަޅާކިޔާލެވޭ. އަދި މިކާމިޔާބީ ހޯދުމުގައި މުހިންމު ދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ފަރީހާ ވިދާޅުވި އެވެ.
އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ފަރީހާ އާއި އުމަރު އަދި މުރުތަލާ ވަނީ ބޯޑުގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.
"ބޭފުޅުންނަށް ނުހަނު އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން ޝުކުރު ދަންނަވަން އަދި މުސްތަގުބަލުގައި ކާމިޔާބީއަށް އެދެން. އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކުން އުއްމީދުކުރާ މިންވަރަށް ވާސިލްވުމުގެ އަމާޒު އަޅުގަނޑުމެން ހިފައްހައްޓަމުންދާނަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑުގައި އާންމުންގެ ފަރާތުން ހިމެނިވަޑައިގަންނަވާ ތިން ޑިރެކްޓަރުން ތިއްބަވާއިރު އެ މަގާމަށް ފަސް ބޭފުޅަކު ވަނީ ކުރިމަތިލާފައި އެވެ. އަދި ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމަނަން ހަތް ބޭފުޅެއްގެ ނަން ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލާނީ އަހަރީ އާންމު ޖަލްސާގައި އެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް