ވާހަކަ: ލޯބިވޭ އިންތިހާ – ފަހުބައި

ކުރީގެ އަދަދާއި ގުޅޭ... ''ހަމްޒާ.........'' ނޫރާއަށް ބުނެވުނެވެ. ހަމްޒާގެ އަތުތެރެއިން އަތް ދަމައިގަންނަން ނޫރާ މަސައްކަތް ކުރިއެވެ. އެކަމަކު ހަމްޒާ ހިފަހައްޓާފައިވާލެއް ބާރުކަމުން ހަމަ އެންމެ ހަރަކާތ...

08 Jul 2025 | 05:46

ކުރީގެ އަދަދާއި ގުޅޭ...

''ހަމްޒާ.........'' ނޫރާއަށް ބުނެވުނެވެ. ހަމްޒާގެ އަތުތެރެއިން އަތް ދަމައިގަންނަން ނޫރާ މަސައްކަތް ކުރިއެވެ. އެކަމަކު ހަމްޒާ ހިފަހައްޓާފައިވާލެއް ބާރުކަމުން ހަމަ އެންމެ ހަރަކާތެއްވެސް އެ އަތަށް ނުގެނެވުނެވެ.

''އަހަރެން ދާންވެއްޖެ.........'' ނޫރާ އިސްޖަހާލިއެވެ. ވަގުތުން ހަމްޒާ ނޫރާގެ އަތުން ދޫކޮއްލިއެވެ.

''އާނ ........ އަވަހަށް ދޭ........މިފަހަރުދެން އަހަރެން ނޫރާއެއް ނުހުއްޓުވާނަން............ ދެން މިއަދަށް ފަހު......... ނޫރާއަކަށް އަހަރެން ނުފެންނާނެ....... މީ ނޫރާއަށް އަހަރެން ފެންނާނެ އެންމެ ފަހު ދުވަސްކަމަށް ހީކޮށްލާ.......... އަދި އަހަރެންވެސް ނޫރާ ހޯދާކަށްދެން މަސައްކަތެއް ނުކުރާނަން.........'' ހަމްޒާ އެނބުރި ނޫރާއަށް ފުރަގަސް ދިނެވެ. މާޔޫސްކަމާއެކުގައެވެ.

ހަމްޒާ ކުރިއަށް ހިނގައިގަތް އިރުވެސް ނޫރާ ހަމަ އެހުރިގޮތަށް ހުރީއެވެ. ހަމްޒާ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ލެއްޕެމުން ދިޔަ ދޮރާ ދިމާއަށް ބަލަންހުރި ނޫރާއަށް އަތް ހިއްލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެއެވެ.

ދޮރު ލެއްޕުމާއެކު ނޫރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ. ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ ވޭނެކެވެ. ހަމްޒާ ހުއްޓުވަން އެދި ނޫރާގެ ހިތް އާދޭސްކުރަމުންދަނީއެވެ. އެ ފުރުސަތު އޭނާއަށް ލިބުނުވެސްމެއެވެ. އެހެނަސް އޭނާއަކަށް އެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. ކުރަން ބޭނުން ވިޔަސްމެއެވެ.

ހަމްޒާ އެންމެ ފަހުން ބުނި ޖުމުލަ ނޫރާގެ ކަންފަތުގައި ގުގުމަމުން ދިޔަ ވަރަކަށް އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. ނަތީޖާއަކަށްވީ ރުއިން ކޮންޓްރޯލް ނުކުރެވުމެވެ. އެއްވެސް އަޑެއް ނީއްވާ ސިއްރުން ރޯން އޭނާ މަސައްކަތްކުރިއެވެ. އެހެނަސް މިއަދު އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. ރޮމުން ރޮމުންގޮސް ކަކޫމައްޗަށް އޭނާއަށް ތިރިވެވުނެވެ.

އެވަގުތު ބޭރުން އައިސް ގެއަށް ވަތް ހުމޭޒާއަށް ނޫރާ އިންހާލު ފެނިފައި ހުއްޓުން އެރިއެވެ. ހަމްޒާގެ ކޮޓަރީ ދޮރުމަތީގައި ކަކޫމައްޗަށް ތިރިވެ އިނދެ ގިސްލަގިސްލާފައި ނޫރާ ރޮނީއެވެ. ވެގެން އުޅޭގޮތަކާ ދޭތެރޭ ވިސްނާލަން އޭނާއަކަށް މަޑެއް ނުކުރެވުނެވެ.

''ނޫރާ.........'' ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަސް ސޯފާމައްޗައް އެއްލަމުން ހުމޭޒާ ކުރިއަށް ހިނގައިގަތެވެ. ނޫނެކެވެ. ހިގައިގަތީއޭ ބުނުމަށްވުރެ ރަނގަޅުވާނީ ދުއްވައިގަތީއޭ ބުނުމެވެ. ނޫރާއާ ދިމާއަށް އޭނާ ދިޔައީ އެހާވެސް ހަލުވިކޮށެވެ.

''ނޫރާ މިތާ.......ކިހިނެއްވީ........ ހަމްޒާ އެއްޗެކޭ ބުނީތަ؟........'' ނޫރާގެ ދެކޮނޑުގައި ހިފާލަމުން ނޫރާއާ ދިމާއަށް ހުމޭޒާ ތިރިވެލިއެވެ. ނޫރާގެ މޫނުފެންނަވަރަށެވެ.

''އައްދޭ....... ތިވަރަށް ރޯކަށް ނުވާނެ.......މިހާރު މުޅި މޫނު ތިހިރީ ރަތްވެފައެއްނު..........'' ނޫރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ހުމޭޒާ ބުނެލިއެވެ.

''ތެދުވެބަލަ........ ހިނގާބަލަ........'' ނޫރާގެ ހާލަތު ހުރިގޮތުން މިވަގުތު އެހާ ގިނަ ސުވާލު ކުރުން ރަނގަޅެއް ނުވާނެކަން ހުމޭޒާއަށް ވިސްނެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ނޫރާ ގޮވައިގެން އެތަނުން ދުރަށްދާށެވެ. ނޫރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނީ އޭރުންކަމުގައި ހުމޭޒާއަށް ގަބޫލު ކުރެވުނެވެ.

ނޫރާގެ އަތުގައި ހިފައިގެން ހުމޭޒާ ގޮސްވަނީ ނޫރާގެ ކޮޓަރިއަށެވެ. އެނދުގެ ސީދާ މެދުގައި ހުމައިރާ ނިދާފައި އޮތެވެ. އެނދުގެ އެއްފަރާތެއްގައި ނޫރާ ބޭންދުމަށްފަހު ނޫރާގެ ގާތުގައި ހުމޭޒާ އިށީނެވެ. އޭރުވެސް ނޫރާގެ ރީތި ދެލޮލުން ކަރުނައެއް ނުހިކެއެވެ. ގިސްލުމެސްވެސް ނުހުއްޓެއެވެ. ވެގެން އުޅޭގޮތް ހުމޭޒާއަށް ޔަގީން ނުވިޔަސް އެކަމަކީ ހަމްޒާއާ ނޫރާގެ ދެމެދު ހިނގައިގެން އުޅޭ ކަމެއްކަން އޭނާއަށް އެނގެއެވެ.

އެތައްއިރަކު ރުއިމަށްފަހު ނޫރާ ދެލޯ ފޮހެލިއެވެ. ހުމޭޒާ އިންތިޒާރު ކުރަމުންއައި ވަގުތު ޖެހުނީއެވެ.

''ހަމްޒާ އެއްޗެކޭ ބުނީތަ؟.........'' ހުމޭޒާ ސުވާލުކޮއްލިއެވެ. ހުމައިރާއަށް ހޭލެވިދާނެތީ އޭނާ ވާހަކަދެއްކީ ނިކަން މަޑުމަޑުންނެވެ. ނޫރާ އިސްދަށަށް ޖަހާލަމުން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ހަމްޒާ އެއްޗެކޭ ބުނިކަން ހުމޭޒާއަށް އެނގޭކަށް ނޫރާ ބޭނުމެއް ނޫނެވެ.

''ދެން ކީއްވެ ތިވަރަށް ރޯންޖެހުނީ.........'' ކުރަން ބޭނުން އެތައް ސުވާލެއް ހުއްޓަސް ހުމޭޒާ ބޭނުންވީ މަޑުމަޑުން ކުރިއަށްދާށެވެ.

''ކަމެއް ނުވޭ.......'' ކުރެހިފައިވާ އަޑަކުން ނޫރާ ޖަވާބުދިނެވެ. ނޫރާ އެހެންބުންޏަސް ހުމޭޒާ އެކަން ގަބޫލު ކުރާނީ ކިހިނެއްހެއްޔެވެ. އޭނާއަށް ނޫރާގެ ހިތުގައިވާ އެއްޗެއް ބުނެދޭން ނޭނގުނަސް ނޫރާގެ މޫނުމަތިން ދައްކައިދޭ ޝުއޫރުތައް ދޭހަކުރަން އެނގެއެވެ.

''ކޮންމެވެސް ކަމެއް ވެއްޖެ......... އެކަމަކު ނޫރާ އަހަރެން ކައިރީ ބުނަން ބޭނުން ނޫނިއްޔާ ދެން ނާހާނަން.......'' ހުމޭޒާ އިންތަނުން ދެތުވިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

''ހަމްޒާ ....... އޭނާ......ނުވެސް ކައި މިއަދު.........'' މަޑުމަޑުން ނޫރާ ބުނެލި ޖުމުލަ ހުމޭޒާއަށް ރަނގަޅަށް އަޑުއިވުނެވެ.

''އެކަމާތަ ނޫރާ ތިރޮނީ؟..........'' އެނބުރި ބަލާލަމުން ހުމޭޒާ ހުއްޓުނެވެ. އަދި އަލުން އެނބުރި އައިސް ނޫރާގެ ކުރިމަތީގައި ހުއްޓުނެވެ.

''ނޫރާވިސްނާލަބަލަ.........އެފަކީރަށް ކެވޭނީ ކެވޭވަރު ވެގެންނެއްނު...... މިއަދު އެކަންޏެއް ނޫނޭ ހަމްޒާ ނުކައި ނުބޮއި ހޭދަކުރީ........ ނޫރާއަށް ނޭނގުނަސް ހަމްޒާ ހާދަ ހާލެއްގައޭ އެ އުޅެނީ........ އަހަންނަށް ހުރިހާ އެއްޗެއް ނޭނގުނަސް ކޮންމެވެސް ވަރަކަށް އެނގޭ......... ނޫރާ ދެކެ ހަމްޒާ ހާދަހާ ލޯބިވެޔޭ.......ނޫރާއަށް އެކަން އެނގޭތަ؟....... ރޭނިދި ނުނިދާ ،ކެއުމެއް ބުއިމެއް ނެތި އެފަކީރު އުޅޭހާލުން އަހަރެންވެސް ދެރަވޭ........ ކިތަންމެ ފަހަރަކު ބުނެފިން ދެން ތިނޫން ކަމަކާ ވިސްނާށޭ.........'' ހުމޭޒާ ވާހަކަދެއްކީ އަސަރާއެކުގައެވެ.

''ނޫރާ ގަބޫލުކުރާނަންތަ؟........ ނޫރާ މަތިން ހަނދާންކޮއްފަ ހަމްޒާ ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދޭ......... މިވަރަށް ދެން މީހަކު ދެކެ މީހަކަށް ލޯބިވެވޭނީ......... މިހާރުވެސް އޭނާގެ ފޯނު ސްކްރީންގަ  އިނީނޫރާގެ ފޮޓޯ.......ނޫރާވެސް ނުވާނެ ހަމްޒާއަށް އެހާލުގަ...........'' ހުމައިރާ ފުރޮޅިލުމުން ހޭލަން އުޅޭހެންހީވެ، ހުމޭޒާ ވާހަކަ ދެއްކުން ހުއްޓާލިއެވެ.

''ދެން ދަނީ އިނގޭ......... ދެންދޭ މޫނު ދޮވެލަން...........'' ހުމޭޒާ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ނޫރާ އޮށޯވެލިއެވެ. ދެލޯމަރާލިއެވެ. ހުމޭޒާ ދެއްކި ވާހަކަތައް ނޫރާގެ ސިނކުޑިއަށް އުނދަގޫ ކުރަމުންދަނީއެވެ. އަނެއްކޮޅުން ހަމްޒާގެ ބަސްތައް އަދިވެސް އޭނާގެ ހިނދުރީގައި ހަރުލާފައި އެބަހުއްޓެވެ.

ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ނޫރާގެ ހާސްކަމާ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އެގޮތް މިގޮތަށް ގޭތެރޭގައި ހުމައިރާ ގޮވައިގެން އުޅެއުޅެ ހުއްޓާ އިރު އޮއްސިއްޖެއެވެ.

ހުމައިރާއަށް ކާން ދިނުމަށްފަހު ރީތިކޮއްލިއެވެ. އަދި ނިދާހެދުން ލެއްވުމަށްފަހު އެނދުގައި ބާއްވާފައި ކައިރީގައި ނޫރާ އޮށޯވެލިއެވެ. ހުމައިރާ ކިތަންމެ ކުޑަޔަސް، އަބަދުވެސް ރޭނގަޑަށް ނިންދަވާއިރު ނިދުމުގެ ކުރިން ކިޔާ ދުޢާތައް ނޫރާ ކިޔާދެއެވެ. ގިނަފަހަރަށް ހުމައިރާއަށް ނިދެނީ އެ ދުޢާތައް އަޑުއަހަން އޮއްވައެވެ.

''ނޫރާ ........ ހުޅުވާލަބަލަ......'' ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ހުމޭޒާ ގޮވާލިއަޑު އިވުމުން ނޫރާ ފުންމައިގެން ތެދުވިއެވެ. އެނދުން ތެދުވުމަށްފަހު، ހުމައިރާގެ މޫނަށް ނޫރާ ބަލާލީ  ދަރިފުޅު ރަނގަޅަށް ނިދައިފިކަން ޔަގީންކޮއްލުމަށެވެ.

''އަން........ މީ ދެމައިންގެ ޓިކެޓް.......... ދެދުވަސް ފަހުން ފުރަންވީ......... ނޫރާ އަބަދުވެސް ބުނަމެއްނު ރަށަށް ދާން ބޭނުމޭ.........'' ނޫރާ ދޮރު ހުޅުވާލުމުން ހުމޭޒާ ދިއްކޮއްލީ ކަރުދާސްގަނޑެކެވެ. ފިނިވެފައިވާ އަތަކުން އެ ކަރުދާސްގަނޑުގައި ނޫރާ ހިފިއެވެ.  ހުމޭޒާ އިތުރު އެއްޗެކޭ ނުބުނެއެވެ. ދޮރުލައްޕާފައި އޭނާ ދިޔައީއެވެ.

ހިތަށްވެރިވި އާދަޔާ ޚިލާފު ހިތްދަތި ޝުޢޫރު ތަކެއްގެ ސަބަބުން، ނޫރާ ތުރުތުރު އަޅައިގަތެވެ. ހަމްޒާއާ އަބަދުގެ އަބަދަށް ދުރައްދާންޖެހޭ ވަގުތު ކަނޑައެޅުނީއެވެ. ފުރައިގެން ދިއުމަށްފަހު ދެން ދުވަހަކުވެސް ހަމްޒާ ނުފެންނާނެއެވެ. ހަމްޒާވެސް ދެން ނޫރާ ހޯދާކަށް ނޫޅޭނެއެވެ. ނޫރާއާ ހަމްޒާގެ ދެމެދުގައި ހިނގި ލޯބީގެ ގުޅުމަށް ނިމުން އައީހެއްޔެވެ.  އެދެހިތުގައި ދިއްލުނު ލޯބީގެ ހުޅުކޮޅު އަބަދުގެ އަބަދަށް ނިއްވާލަންވީ ވަގުތު ކަނޑައެޅުނީއެވެ؟ އެތައް ވަރަކަށް ހިތް އެދުނަސް ޢުމުރަށް ހަނދާންތައް ނައްތާލަންވީހެއްޔެވެ؟ ހިތާ ދެކޮޅަށް ވަކިވުމުގެ ފިޔަވަޅު އަޅަންވީހެއްޔެވެ.

ވަގުތުތައް ފާއިތުވަމުންގޮސް މެންދަމުން އަލިވިއިރުވެސް ނޫރާއަކަށް ނުނިދުނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ކުޑަވާގޮތެއް ނުވިއެވެ. ހަމްޒާއާ ދޭތެރޭ ނުވިސްނޭ އެންމެ ސިކުންތެއްވެސް ނުދެއެވެ. އެތައް ފަހަރަކު ކޮޓަރިން ބޭރަށްވެސް ނޫރާ ނުކުމެއްޖެއެވެ. ހަމްޒާގެ ކޮޓަރިއާ ހަމައަށް އޭނާއަށް ދެވުނު އަދަދެއްވެސް ނޭނގެއެވެ. ކޮޓަރި ތެރޭގައި އޭނާއަށް ހުންނަން އުނދަގޫވާންފެށިއެވެ. ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް ހަމްޒާއާ ބައްދަލުކޮއްލަން ނޫރާގެ ހިތް އެތައް އާދޭހެއް ކޮއްފިއެވެ. ހަމްޒާގެ ކޮންމެ ސުވާލަކަށް ވަކިވަކިން ޖަވާބު ދޭން އޭނާގެ ހިތް ބުނަމުންދަނީއެވެ. ސިނކުޑި އެކަމަށް އެއްބަސް ނުވާއިރު ޒަމީރު އެދިގޮވަމުންދަނީ ހަމްޒާގެ ހާލު ބަލާލުމަށެވެ.

ދެލޯ ފޮހެލުމަށްފަހު ނޫރާ އެނދުންތެދުވިއެވެ. މީގެ ކުރިންވެސް އެގޮތަށް އެތައް ފަހަރަކު ނޫރާ ތެދުވެއްޖެއެވެ. އެހެނަސް މިފަހަރު ނޫރާގެ އަޒުމު ވަރުގަދައެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓާއެކު ބުރުގާއެއް އަޅާލުމަށްފަހު އޭނާ ބޭރަށް ނުކުތެވެ. ނިކަން ހަރުކޮށް ހިނގާފައިގޮސް އޭނާ ހުއްޓުނީ ހަމްޒާގެ ކޮޓަރީ ދޮރު ކުރިމަތީގައެވެ. މަޑުމަޑުން ޓަކި ޖަހާލުމުންވެސް ޚަބަރެއް ނުވިއެވެ. ނޫރާ މަޑުމަޑުން އަތްގަނޑުގައި ހިފާލިއެވެ. ކޮޓަރި ހުރީ ތަޅު ނުލައެވެ.

ކުޑަކޮށް ދޮރު ހުޅުވާލަމުން ނޫރާ އެތެރެ ބަލާލިއެވެ. ނިދާބޮކިވެސް ހުރީ ނިއްވާލާފައިކަމުން އެތެރެއިން އެއްޗެއް ފެންނަ ވަރަށްވުރެ އަނދިރިއެވެ. ނޫރާ ހީވަނީ މޮޔަވެފައި ހުރިހެންނެވެ. އޭނާ އެއްވެސް ކަމަކާ ޖެހިލުންވާހެނެއް ހިޔެއް ނުވެއެވެ. އެތެރެއަށް ވަނުމަށްފަހު ފޯނުން އަލިކޮއްލިއެވެ.

އެނދުގައި ހަމްޒާ އޮތެވެ. އޭނާ އޮތީ ބަންޑުންނެވެ. ނޫރާ ނިދާބޮކި ދިއްލާލިއެވެ. ހަމްޒާ ނިދާފައި އޮތް އެނދާދިމާއަށް ނޫރާ ޖެހިލިއެވެ. ގައިމަތިން އަޅާފައިވާ ރަޖާގަނޑު އޮތީ އެއްފަރާތަށް ކެހިފައެވެ. އޭނާ އޮތީ ޓީޝާޓެއް ނުލާކަމުން ބުރަކަށީގައި ހުރި ޒަޚަމް ރީތިކޮށް ފެންނަން ހުއްޓެވެ. މިއަދު ފެނުނު އިރަށްވުރެވެސް އެތަނުގެ ކުލަ މާގަވެ ނޫފާގެންފައިވާ ވަރު ބޮޑުހެން ނޫރާއަށް ހީވިއެވެ. ބުރަކަށީގެ އެފަޅި އޮތީ ދުޅަވާގޮތް ވެފައެވެ. ބޭއިޚްތިޔާރުގައި ނޫރާގެ އަތްތިލަ ހަމްޒާގެ ބުރަކަށީގައި ޖައްސާލެވިއްޖެއެވެ.

ނޫރާގެ ފިނިވެފައިވާ އަތްތިލަ ހަމްޒާގެ ބުރަކަށީގައި ޖެހުމާއެކު ހަމްޒާ ސިއްސައިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ.

''ކާކު.......'' އެއީ ނޫރާކަން އެނގުނަސް ހަމްޒާ ބޭނުންވީ ނޭނގޭކަމަށް ހަދާށެވެ.

''އަހަރެން.........'' ނޫރާ މަޑުމަޑުން ޖަވާބު ދިނެވެ. ހަމްޒާއަށް އެވަގުތު ކުރެވުނު އިހްސާސް ބަޔާންކޮށްދޭންވެސް ދައްޗެވެ. އޭނާ އިނީ ނޫރާ ހުރިދިމާނޫން އަނެއް ފަރާތަށް މޫނު އަނބުރާލައިގެންނެވެ.

އަހަރެން މިއައީ ހަމްޒާގެ ސުވާލުތަކަށް ޖަވާބުދޭން..........'' ނޫރާ އިސްޖަހާލަމުން ބުނެލިއެވެ. މިފަހަރު އޭނާ ހިތްވަރު ކުރަން ބޭނުމެވެ.

''ކޮން ސުވާލަކަށް.........'' ހަމްޒާ ހަމަ އެއިންގޮތަށް އިނދެ ފަރުވާކުޑަގޮތަކަށް އަހާލިއެވެ.

ކޮންމެ ސުވާލަކަށްވެސް.......'' ހަމްޒާއާ ދުރަށް ޖެހިލަމުން ނޫރާ ހުއްޓުނެވެ. ހަމްޒާ އިންތަނުން ތެދުވިއެވެ. ނޫރާއާ ދިމާއަށް ހިނގައިގަތުމުން ނޫރާއަށް ފަހަތަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމްޒާ ދިޔައީ އެއްޗިހި އަޅުވާފައި ހުރި ހަރުގަނޑާ ދިމާއަށެވެ. އެތަނުން އޭނާ ނެގި ޓީޝާޓު ގަޔަށް ވައްޓާލަމުން ނޫރާގެ ކުރިމަތީގައި ހުއްޓުނެވެ.

''ނޫރާ އަހަރެން ދެކެ އަދިވެސް ލޯބިވޭތަ؟...........'' ހަމްޒާ އެއްވެސް ޖެހިލުމެއްނެތި އަހާލިއެވެ. ހަމްޒާ ކޮއްލި ސުވާލުގެ ސަބަބުން ނޫރާ ބަސްހުއްޓުނެވެ. އެއީ ހަމްޒާ ކޮއްފާނެކަމަށް ނޫރާ ހީކުރި ސުވާލެއް ނޫނެވެ.

''ކޮބާ ޖަވާބަކީ؟.........ބުނީމެއްނު ކޮންމެ ސުވާލަކަށްވެސް ޖަވާބު ދޭނަމޭ........'' ނޫރާއާ ގާތަށް ޖެހިލަމުން ހަމްޒާ އަހާލިއެވެ. އޭނާގެ އަޑުގައިވަނީ ޔަގީންކަމެވެ.

ދެންވެސް ނޫރާ ޖަވާބެއް ނުދިނެވެ. ޖަވާބު ލިބުން ލަސްވަމުން ދިޔަވަރަކަށް ހަމްޒާއަށް އޭނާގެ ނަފުސު ކޮންޓްރޯލު ކުރުން އުނދަގޫވަމުން ދިޔައެވެ.

''ނޫރާ ދޭ މިތަނުން............'' އަނގައިން ނުބުނެ ހުންނަން ފެށުމުން ހަމްޒާ ހިތްހަމަނުޖެހޭގޮތްވިއެވެ.

''ހަމްޒާ ދެކެ އަދިވެސް އަހަރެން ލޯބިވޭ......... އިންތިހާއަށް ލޯބިވޭ .........'' ނޫރާގެ އަޑު ނުކުތީ އެތައް މަސައްކަތަކުންނެވެ.

''ދެން ކީއްވެ އަހަންނަށް ނޭނގި އެހެން މީހަކާ........'' ހަމްޒާއަށް ބުނެވުނީ އެހިސާބަށެވެ.

''މަޖުބޫރުވެގެން..........'' ނޫރާއަށް ރޮވުނެވެ. ނުރޯން ހުއްޓަސް ހިތުގައިވާ އިހްސާސްތައް ކަރުނަ އިޙްތިޔާރުކޮށްފިއެވެ.

''ކޮން މަޖުބޫރެއް........ ނޫރާއަށް އެންމެ ފަހަރަކުވެސް އެ މަޖުބޫރުގެ ވާހަކަ އަހަރެންގާތު ބުނެވުނުތަ؟...........'' ނޫރާ ރޯތަން ބަލާކަށް ހަމްޒާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އެހެންކަމުން އޭނާ ވާކަދެއްކީ ދުރުބަލަން ހުރެއެވެ.

''ހަމްޒާއަށް އެކަން ނޭންގީ ހަމްޒާގެ މަންމަގެ ފުރާނައަށްޓަކާ........ހަމްޒާގެ ބައްޕަ............'' ނޫރާއަށް އެވާހަކަ ހަމްޒާއަށް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ.

''ދެން އަހަރެންގެ މަންމަގެ ފުރާނަ ސަލާމަތް ކުރެވުނުތަ؟..........'' ހަމްޒާ ކޮއްލި ސުވާލުން ނޫރާ ގަނޑުވިކަހަލައެވެ. ދެބުމަ ގޮއްޖަހާލަމުން ހަމްޒާއާ ދިމާއަށް ނޫރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ހަމްޒާ އެނބުރި ނޫރާއާ ދިމާއަށް ބަލާލިއެވެ.

''ހަމްޒާގެ މަންމަ............'' ނޫރާއަށް ބުނެވުނީ ހައިރާން ކަމާއެކުގައެވެ.

''ނިޔާވެއްޖެ......... މީގެ ދިހަވަރަކަށް މަސްކުރިން.............''  ހަމްޒާ ހަމަހިމޭންކަމާއެކު އިސްޖަހާލިއެވެ.

''ކިހިނެއް........ ވީ؟.........'' ނޫރާއަށް ކޮއްލެވުނީ މިވަގުތު ހަމްޒާއާ ކުރުން އެންމެ ރަނގަޅު ސުވާލެއް ނޫނެވެ.

''މެލޭޝިޔާގަ ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގަ......... ބާރު ދުވެލީގައި ދުއްވާފައި ދިޔަ ޓްރަކެއްގައި މަންމައާ ބައްޕަ ދަތުރުކުރި ޓެކްސީ، ޖެހި ހިނގި އެކްސިޑެންޓްގައި މަންމަގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްލިބުނު........ ކޯމާގައި ތިންމަހަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ނިޔާވީ...........'' ހަމްޒާގެ އަޑުގައި ހުރި އަސަރު ނޫރާއަށް އިހްސާސް ކުރެވުނެވެ.

''ބައްޕަ............" ނޫރާ ސުވާލު ކޮއްލީ ފިނި އަޑަކުންނެވެ.

''ބައްޕަ އަކީ މިއަދު އެއްފައި ނެތް ނުކުޅެދޭ މީހެއް......... ޕްލާސްޓިކް ފަޔަކާ ދަނޑިގަނޑުގެ އެހީގައި އުޅެނީ............ ދުނިޔެއަކީ އިމްތިހާނެއް ........... އަހަރެންގެ ހަޔާތުގައި ދިމާވި ކޮންމެ ކަމަކަށް އަހަރެން ކެތްކުރިން........... ނޫރާއަށް އެ ޚަބަރު ދޭންވެސް ވަރަށް މަސައްކަތް ކުރިން....... ލަޔާލްއަށް ވެސް ގުޅިން........ އެކަމަކު އެވާހަކަ ބުނުމުގެ ފުރުސަތެއް އަހަންނަކަށް ނުލިބުނު............'' ހަމްޒާ އޮޅުން ފިލުވައިދިނެވެ.

''ނޫރާ...........'' ހަމްޒާ ނުހަނު ލޯބިން ނޫރާ ގާތަށް ޖެހިލިއެވެ. އަދި ނޫރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނޫރާގެ ލޮލާ ލޯ ސީދާކޮއްލިއެވެ.

''ނޫރާ ދެކެ އަހަރެން ވަރަށް ލޯބިވޭ....... އިންތިހާއަށް ލޯބިވޭ......... ދުވަހަކުވެސް މިހިތުން ތި ނޫން މީހަކަށް ޖާގައެއް ނުދެވޭނެ......... މުޅި ޢުމުރަށް ވެސް ލޯބިވާނަން......... '' ހަމްޒާގެ ލޮލުން ނޫރާއަށް ފެނުނީ އިންތިހާ ލޯތްބާ ކުލުނެވެ. އެއީ މީގެ އެތައް ދުވަހެއް ކުރިންވެސް ފެނުނު އަސަރުތަކެވެ. އެއީ ހަމަ އެ އިހްސާސް ތަކެވެ. ބަދަލެއް ނުވެއެވެ. އެ ދެލޮލަށް ބަލާލުމުން، މިއަދުވެސް ނޫރާގެ ހިތަށް އޭރުވެސް ކުރެވުނު އިހްސާސްތައް ހަމަ އެގޮތަށް އެބަ ކުރެވެއެވެ.

''ނޫރާ އަހަންނާ މެރީ ކުރާނަންތަ..........'' ނޫރާގެ އަތް ތިލައިގައި ހިފާލަމުން އެ އަތުގެ އިނގިލީގައި ހަމްޒާ އަޅުވައިދިން އަނގޮޓިއާއެކު އެ ރީތި އިނގިލި ތަކުގައި ހަމްޒާ ފިރުމާލިއެވެ. ނޫރާއަށް ލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ފުރުސަތުގެ ބޭނުން ހަމްޒާ ހިފިއެވެ. ނޫރާ އޭނާގެ މެޔާލާ ބޮނޑިކޮއްލިއެވެ. އެވަގުތު ނޫރާ ތެޅިގެންފައި ހަމްޒާގެ އަތުތެރެއިން ދެމިގަނެ ދުރައްޖެހިލިއެވެ.

''ސޮރީ ނޫރާ........'' ހަމްޒާއަށް ކުރެވުނީ ކުށެއްކަން އޭނާއަށް އިހްސާސް ކުރެވުނެވެ.

''އަހަރެންމީ މިހާރު..... ތުއްތުކުއްޖެއްގެ މަންމައެއް.........'' ނޫރާ ހަމްޒާއާ ދުރަށް އެނބުރެމުން ބުނެލިއެވެ.

''ތީ އަހަންނަށް ނޭނގޭކަމެއް ނޫން....... ނޫރާ މަންމައަކަށް ވުމަކީ އަހަންނަށް އެއްވެސް މައްސަލައެއް ނޫން....... ނޫރާގެ ދަރިފުޅަކީ އަހަރެންގެ ވެސް ދަރިއެއްކަމުގަ ބަލާނަން.......ނޫރާދެކެ ވާ ލޯބި އެދަފުޅުދެކެވެސް އަހަރެން ވޭ........ ނޫރާއަށާ ނޫރާގެ ދަރިފުޅަށް އެއްވެސް ކަމެއް އުނިވިއަކަ ނުދޭނަން.......... މީ އަހަރެން ވާ ވަޢުދެއް..........'' ހަމްޒާ ނޫރާއާ ގާތަށް ޖެހިލަމުން ޔަގީންކަމާއެކު ބުނެލިއެވެ.

އެރޭގެ ބާކީ ބައި ވީ ނޫރާއާ ހަމްޒާއަށް ނުހަނު އުފާވެރި ވަގުތު ތަކަކަށެވެ. އެތައް ދުވަހަކުއްސުރެ ދެ ހިތުގައި އުފެދިފައިވާ އުދާސްތައް ފިލާދަންދެން ދެމީހުން ވާހަކަދައްކަން ތިއްބެވެ. އެރޭ ނިމިގެންދިޔައީ އުފާވެރި ފަތިހަކަށް ތަންދެމުންނެވެ. އާ އުންމީދުތަކެއް އުފަންކުރުވަމުންނެވެ.

******

އެއް އަހަރު ފަހެވެ.. ހަމްޒާއާ ނޫރާގެ ކައިވެނީގެ އުފާވެރި ހަފްލާގެ ވަގުތެވެ. ކައިވެނި އޮތީ މާލޭގެ އަގުބޮޑު ހޮޓަލެއްގައެވެ. ޕާޓީ އޮތީ އެ ހޮޓަލުގެ ޓެރަސްގައެވެ. ކައިވެނީގެ އަގުބޮޑު ހެދުމުގައި ހަމްޒާގެ ނުހަނު ގާތުގައި ނޫރާ ހުރިއިރު އެ ދެޒުވާނުންގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ އުފާވެރިކަމާ ހިތްހަމަޖެހުމެވެ. ނޫރާގެ މަންމައާ ލަޔާލީގެ އާއިލާވެސް އެތަނާ މާ ދުރުނޫން ހިސާބެއްގައި އެބަތިއްބެވެ. ހުމައިރާ ގޮވައިގެން އުޅެނީ ހުމޭޒާއެވެ.

ތަންކޮޅެއް ދުރުގައި މުސްތަފާ އިނެވެ. އޭނާގެ މޫނުމަތިންވެސް މިއަދު ފެންނަނީ އުފާވެރިކަމެވެ. ނޫރާފަދަ ރަނގަޅު ކުއްޖަކާ ހަމްޒާ ދުރު ކުރަން މަސައްކަތް ކުރެވުނީތީ މިހާރު އޭނާ ދެރަވެއެވެ. ނޫރާއާ ހަތަރުކަޅި ހަމަކުރަން ލަދުގަނެ ޖެހިލުންވިޔަސް ނޫރާ އެކަމެއް ނުދައްކައެވެ. ހަމްޒާގެ ބައްޕައަށް ދޭންޖެހޭ އިހްތިރާމް އޭނާ އަދާކުރެއެވެ.

ޕާޓީގެ އުފާވެރި ވަގުތު ނިމި ގެއަށް ދެވުނު އިރު ހުރީ ވަރަށް އިޝާ ނަމާދަށް ގޮވަން ގާތްވެފައެވެ. ނަމާދު ގަޑި ކައިރިވެފައި ހުރުމުން ނޫރާ އަވަސްވެގަތީ ލައިގެން ހުރި ބަރު ހެދުން ބަދަލުކޮށް ނަމާދު ކޮއްލުމަށެވެ.

''ކޮބާ ދަރިފުޅު......'' ނޫރާ ނަމާދުކޮށް ނިމުނުއިރު ހަމްޒާ ނުހަނު ގާތުގައި ހުއްޓެވެ.

''ހުމޭ ގޮވައިގެން ދިޔައީ.......'' ނޫރާ ޖަވާބުދިނެވެ.

''އާދެބަލަ.........'' ނޫރާގެ ގާތަށް ޖެހިލަމުން ހަމްޒާ ބުނެލިއެވެ.

''މީ ހަދިޔާއެއް ..........'' ހަމްޒާ ދިއްކޮއްލީ އާދައިގެ ސިޓީއުރައަކަށްވުރެ ބޮޑު ސިޓީ އުރައެކެވެ. ނޫރާ ހިނިތުންވެލަމުން ސިޓީއުރައިގާ ހިފާ ހުޅުވާލިއެވެ. ނޫރާއަށް ފެނުނު މަންޒަރު ޤަބޫލު ކުރަންވެސް ދަތިވިއެވެ.

''މީ..........'' ނޫރާ ސޫވާލުގެ ނަޒަރަކުން ހަމްޒާގެ މޫނަށް ބަލާލިއެވެ.

''އާނ........ ތީ ނޫރާގެ ގޭގެ ރަޖިސްޓަރީ........ އެ ގޯތި ގަތީ އަހަރެން......... އެކަމަކު އެހެންމީހަކު މެދުވެރިކޮށް އެކަން ކުރީ.......... ލަޔާލްގެ ބޭސްފަރުވާއަށް ބޭނުންވާ ލާރި ދަތިވެ، އެ ގޯތި ވިއްކާލަން އުޅޭ ވާހަކަ އަހަރެންގެ  ތުއްތަ ބުނި........ އެ ވަގުތުން ފެށިގެން އަހަރެން އެ މަސައްކަތް ފަށައިފިން........ އަހަރެން ލާރި ދިނަސް ނޫރާ އޭގައި ނުހިފާނެކަން އޭރު އެނގޭތީ ނޫރާއަށް އެހީވެވެން އޮތީ އެގޮތްކަމަށްވާތީ އަހަރެން އެ ގޯތި ގަތީ....... އެމީހުން ހުށައެޅި އަގަށް ވުރެވެސް ބޮޑުކޮށް......... ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެންނަން....... ތީ އަހަރެންގެ ލޯބިވާ އަނބިމީހާގެ ހައްޤެއް...........'' ހަމްޒާ ނޫރާގެ މޫނުގެ ދެފަތާރުގައި ނިކަން ލޯބިން ހިފަހައްޓާލަމުން ނޫރާއާ ހަތަރުކަޅި ހަމަކޮއްލިއެވެ. ދެވަނަ ސިކުންތުގައި ނޫރާ އަޅައިގެން ހުރި ބުރުގާގައި ހިފާ މައްޗަށް ދަމާލިއެވެ. ހަމްޒާގެ އަތަށް ބުރުގާ އަންނަވަރަށެވެ. ނޫރާ ލަދުންގޮސް ބޮނޑިވެލިއެވެ. އަތްފައި ފިނިވެ ހިތް އަވަސްވާން ފެށިއެވެ.

''ވަރަށް ފުރިހަމަ.........'' ބުރުގާއެއްނެތި ހަމްޒާއަށް  ނޫރާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކަޅިޖަހާނުލާ ބަލަމުން ދިޔައިރު ނޫރާ ލަދުންގޮސް އަވަދިވަނީއެވެ.

''އަހަންނަށް ޤަބޫލު ކުރަންވެސް ދަތި...... ހާދަ ފުރިހަމައޭ..........'' ހަމްޒާ ނޫރާއާ ގާތަށް ޖެހިލިއެވެ. އެ ފުރުސަތުގެ އިންތިޒާރުގައި ކެތްމަދުވެފައި ހުރި ހަމްޒާ ދެއަތް ދަމާލަމުން ނޫރާއަށް ދަޢުވަތު ދިނެވެ. އެ އަތުގެ ހިމާޔަތުގައި ނޫރާ ހައްޔަރުކޮއްލަން ހަމްޒާ ހުރީ ކެތްމަދުވެފައެވެ.  ނޫރާވެސް ލަދުވެތިކަމާއެކު ގޮސް ހަމްޒާގެ މޭގައި ބޮނޑިވެލިއެވެ. އެތައް ދުވަހަކުއްސުރެ ދެ ޒުވާނުން ދެކެމުންއައި އުފާވެރި ހުވަފެން ހަޤީގަތަކަށްވީއެވެ. އުންމީދުތަކުގައި ކުލަ ޖެހުނީއެވެ. ތަޤްދީރު ހިނިތުންވެލިއެވެ. އިންތިހާއަށް ލޯބިވީ ދެހިތް ފައްތަރު ކުރުވަމުންނެވެ.

= ނިމުނީ=


އެޑިޓަރުގެ ނޯޓު: ރަހީގެ "ލޯބިވޭ އިންތިހާ" މި ވާހަކަ މިއަދު ނިމުމަކަށް އައި އިރު މި ވާހަކައިގެ ކޮންމެ އެޕިސޯޑަކަށްވެސް ކިޔުންތެރިން ދިން ތަރުހީބަކީ ނޫހުން އުފަލާއެކު ބަލައިގަންނަ ކަމެކެވެ. ލިޔުންތެރިޔާ ރަހީގެ ގެ މެސެޖަކީ ކިޔުންތެރިންނަށް މި ވާހަކަ ކަމުދިޔަ ކަމުގައި އުންމީދު ކުރާ ކުރުމާއި އަދި އަދިވެސް މިފަދަ ވާހަކަތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ ހެޔޮ ތަޢުފީގު މިންވަރު ކުރެއްވުމެވެ. ލިޔުންތެރިޔާ "ރަހީ"ގެ ނަމުގައި އަދި ދުވަސް ނޫހުގެ ނަމުގައި ކިޔުންތެރިންނަށް ޝުކުރު އަދާކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް