ދެ ދަރިފުޅު ވިއްކާލައި، އެ ފައިސާ އޮންލައިން ގޭމިންގ ސްޓްރީމަރުންނަށް ޓިޕް ދިނުމަށާއި އަންނައުނު ގަތުމަށް ހޭދަކުރި ޗައިނާގެ އަންހެނަކަށް ފަސް އަހަރާއި ދެ މަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
26 އަހަރުގެ ހުއާންގ ނަމަކަށް ކިޔާ މި އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަކަރާއި ޙީލަތުގެ ތުހުމަތުގައެވެ. ތަޙުޤީޤުގައި އޭނާގެ ފޯނުން ކުޑަކުދިން ވިއްކުމާ ގުޅޭ މުޢާމަލާތްތަކެއް ފާހަގަކުރެވުނެވެ. ތަޙުޤީޤުން ހާމަވި ގޮތުގައި، އޭނާ އޭނާގެ ދެ ދަރިން ވަކިވަކިން ވިއްކާލާފައިވެއެވެ.
އެގޮތުން:
2020 ގައި އެއް ދަރިފުޅު 45،000 ރެންމިންބީ (ގާތްގަނޑަކަށް 96،577.54 ދިވެހި ރުފިޔާ) އަށް ވިއްކާލާފައިވެއެވެ.
2022 ގައި އަނެއް ދަރިފުޅު 38،000 ރެންމިންބީ (ގާތްގަނޑަކަށް 81،554.37 ދިވެހި ރުފިޔާ) އަށް ވިއްކާލާފައިވެއެވެ. މި ދަރިފުޅު ފަހުން އަލުން ވަނީ 103،000 ރެންމިންބީ (ގާތްގަނޑަކަށް 221،055.26 ދިވެހި ރުފިޔާ) އަށް ވިއްކާލާފައެވެ.
ހުއާންގ އަކީ ދާއިމީ ވަޒީފާއެއް ނެތް، އަދި ހަމައެކަނި އަސާސީ ތަޢުލީމު ލިބިފައިވާ މީހެކެވެ. އޭނާ ކުދިން ވިއްކައިގެން ލިބުނު ފައިސާ ބޭނުންކުރީ ލައިވްސްޓްރީމަރުންނަށް ޓިޕް ދިނުމަށާއި އަންނައުނު ގަތުމަށެވެ. ނަމަވެސް، މިހާރު ދެ ކުދިން ވެސް ވަނީ ކަމާބެހޭ އިދާރާތަކުން ސަލާމަތްކޮށްފައެވެ.
ޝަރީޢަތުން ހުއާންގ މައްޗަށް މަކަރާއި ޙީލަތް ހެދުމާއި ކުޑަކުދިން ވިއްކުމުގެ ކުށް ސާބިތުވެ، 30،000 ރެންމިންބީ (ގާތްގަނޑަކަށް 64،385.03 ދިވެހި ރުފިޔާ) ގެ ޖޫރިމަނާއެއް ކުރިއެވެ. މީގެ އިތުރުން، ކުދިން ގަތުމުގައި ބައިވެރިވި އިތުރު ދެ މީހަކަށްވެސް ޖަލު ޙުކުމް އިއްވާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް