ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކަމަށްވާ 'ގޯގްރީން 2024' ބާއްވައިފިއެވެ.
މި ހަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.
މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ގައުމީ "ފަސް މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިއެމުގެ ހަރަކާތެކެވެ.
'ގޯގްރީން 2024' ހަރަކާތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 1000 ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި މަގޫ (ސީ ލެޓިއުސް)، ކުރެދި (އަޔަންވުޑް)، ދިގުގާ (ސީ ހިބިސްކަސް)، ހިރުންދު (ޕޯޓިއާ ޓްރީ) އަދި ރުއް ހިމެނެއެވެ. އެގޮތުން ދިރާގުން ވަނީ މި ހަރަކާތަށް ޖުމްލަ 255 ގަސް ހަދިޔާކޮށްފައެވެ.
ދިރާގު، ކްލީން މޯލްޑިވްސް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އައިކެއަރ މޯލްޑިވްސްގެ އޮފިޝަލުންނާއި ވޮލަންޓިއަރުން އަދި އެހެނިހެން ފަރާތްތަކުންވެސް ވަނީ ގަސް އިންދުމުގެ ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.
ތިމާވެށީ ހިމާޔާތްކޮށް ދެމެހެއްޓެނިވި ކުރުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން، މި ހަރަކާތުގެ ސަބަބުން ދުޅަހެޔޮ ދުނިޔެއެއް ގާއިމްކޮށް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް، އިޖްތިމާއީ ރޫހު ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް