ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުން މަދުވެގެން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭކަމަށާއި އަދި އެކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަރަދު ކުޑަކުރާ ވާހަކައިން ފައްޓަވަމުން ރައީސް ވިދާޅުވީ ކަތާވަރުގެ ގޮތަކަށް ނިޒާމު ބައްޓަންކުރުމަށް ވާހަކަދައްކަންޖެހޭ ކަމަށެވެ.
" އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު ދުސްތޫރީ ނިޒާމު ރޭވިފަ އޮންނަގޮތުން، ވަރަށް ގިނަ އިންތިޚާބުތައް އެބަ އޮވޭ، އިންތިޚާބުތައް ބާއްވަންޖެހޭ އެއްޗެއް، ރައްޔިތުންގެ ހިޔާލާ މަޝްވަރާއާ އެއްގޮތަށް ޤައުމުބައްޓަންކުރަން ޖެހޭނީ
އެހެންނަމަވެސް ގައުމުގެ ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާގޮތަށް ޚަރަދު އެންމެ ދެކޮޅުޖެހޭގޮތަށް ޒިންމާދާރުގޮތަކަށް އެކަންކަން ކުރެވެންޖެހޭނީ، ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދައުލަތް ހިންގުމުގަ ހުރިހާކަމެއްގަ އޮންނަންޖެހޭނެ، އެކަން ހާސިލު ކުރެވޭގޮތަށް ޚަރަދު ކުރުމުގެ ކަންކަމުގަ ޒިންމާދާރުވާންޖެހޭ" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ގާތްގަނޑަކަށް 120 މިލިޔަން ރުފިޔާ ޚަރަދުވިކަމާއި އަދި ރިޔާސީ އިންތިޚާބުގެ ދެބުރަށް 180 މިލިޔަން ރުފިޔާ ރައްޔިތުންގެ ފައިސާއިން ޚަރަދުވިކަން ރައީސް ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ގަބޫލުކުރާގޮތުގައި ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުން ،އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތްކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިޔަން ރުފިޔާ" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވިގޮތުގައި އެ ފައިސާއިން ރައްޔިތުންނަށް އިތުރު ހެޔޮ ރަނގަޅު ކަންތައްތަކެއް ކުރެވިދާނެއެވެ.
މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް މިރޭ ފާހަގަކުރެއްވިއެވެ. އަދި ދެކެވަޑައިގަންނަވާގޮތަކީ ޤާނޫނު އަސާސީއަށް މި އިސްލާހު ގެނެވި 2028ގައި ދެ އިންތިޚާބު އެކުގައި ބޭއްވިގެން ދިއުން ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް