އުރީދޫ މަސްރޭހުގެ ތާރީހު ބަދަލު ކޮށްލައި، އަންހެން ޓީމަކުން އަލަށް ޗެމްޕިއަންކަން ނެގީ މިދިޔަ އަހަރުއެވެ. 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މަސްރޭސް މިދިޔަ އަހަރު ކާމިޔާބު ކުރި "ސްޓެލްކޯ ކަނބަލުން"ގެ ޓީމުން މުބާރާތަށް ނުކުތީ މާކަބޮޑު ތައްޔާރީއެއް ވެގެނެއް ނޫނެވެ. ނަމަވެސް ހޯދުނު ކާމިޔާބީއާއެކު އެ ޓީމުން އުންމީދުު ކޮށްގެން ތިބީ މި އަހަރު އިތުރު އަންހެން ޓީމުތަކެއް ފެންނާނެ ކަމަށެވެ.
އެހެން އަހަރުތަކާ ޚިލާފަށް، އުރީދޫ މަސްރޭސް މިއަހަރު ބާއްވަނީ ހަތަރު ސިޓީގައެވެ. ހަމައެކަނި މާލޭގައި ބޭއްވުމުގެ ބަދަލުގައި މި އަހަރު ކުޅުދުއްފުއްޓާއި އައްޑޫ އަދި ފުވައްމުލަކުގައި މަސްރޭސް ބާއްވާނެއެވެ. އަދި ކޮންމެ ސިޓީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ.
އެހެން އަހަރުތަކު ރަމަޟާންމަހު ބާއްވާ މި މަސްރޭސް މި އަހަރު އޮގަސްޓް މަހަށް ބަދަލު ކުރީ އުރީދޫގެ18 ވަނަ އަހަރީ ދުވަހާ ގުޅުވާފައެވެ.
މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުންގެ ޓީމުގެ އައިމިނަތު ޝިފާޒާއާއި ފާތިމަތު ރިޒްނާ ތިބީ ޓީމާއެކު ލިބުނު ކާމިޔާބީ ދިފާއު ކުރުމުގެ ފޯރީގައެވެ. މަސްވެރިކަމަކީ ވަކި ފިރިހެނުން އެކަނި މޮޅަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ނުދެކި ނުވަތަ އަންހެނުންނަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ސްޓެލްކޯ ކަނބަލުންގެ ޓީމުން ބުނެއެވެ.
އެ ޓީމުން އެންމެ އުންމީދު ކުރަނީ އެ ޓީމެކޭ އެއްފަދައިން އެހެން އަންހެން ޓީމުތައް މިފަހަރުގެ މުބާރާތުން ފެނިގެން ދިއުމެވެ.
ރިޒްނާ ފާހަގަ ކުރި ގޮތުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމުގައި ހިމެނޭ ބައެއް މެމްބަރުންނަކީ އަލަށް މަސްވެރިކަމުގައި ބައިވެރިވާ ނުވަތަ ބުޅިލާންވެސް ނޭނގޭ މީހުންނެވެ. ނަމަވެސް އެންމެން އެކައްޗެއް ކިޔައި، ހިތްވަރާއެކު ކުރި މަސައްކަތުން ކާމިޔާބީއަށް ވާސިލްވީއެވެ.
"އަޅުގަނޑުމެން އަސްލު މިދިޔަ އަހަރު ބައިވެރި ވީއިރުވެސް ވަކި ސީދާ ޗެމްޕިއަންކަން ލިބޭތޯއެއް ނޫން، އަޅުގަނޑުމެން ބައިވެރިވީ މުބާރާތެއްގަ ވާދަކޮށްލާށާ އެކީގަ" ރިޒްނާ ފާހަގަ ކުރިއެވެ.
މުބާރާތެއްގައި ވާދަކޮށްލާހިތުން ބައިވެރިވި ސްޓެލްކޯ ކަނބަލުންގެ ޓީމަށް ފުރަތަމަ ބުރުން ލިބުނު ކާމިޔާބީއާއެކު ޗެމްޕިއަންކަން ލިބޭނެ ކަމަށް އުންމީދު ކުރެވެން ފެށީއެވެ.
ރިޒްނާގެ ވާހަކައާ އެއްބައިވެ ޝިފާޒާ ބުނި ގޮތުގައި، ޓީމު ކާމިޔާބީއާ ހަމައަށް ފޯރުމުގެ އެއް އަސްލަކީ މޮޅު ކޯޗަކާއި ރަނގަޅު މެނޭޖަރެއް ހުރުމެވެ. އެގޮތުން އެދެފަރާތުގެ އެހީތެރިކަމާއި އެއްބާރުލުން ޓީމުން ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.
މީގެ ކުރިން މާގިނަ ތަޖުރިބާތަކެއް ކޮށްފައި ނުވި ނަމަވެސް އަދި މުބާރާތައްް ވަކި ހާއްސަ ތައްޔާރީއެއް ނުވި ނަމަވެސް އޮފީހުގެ ޑިޕާޓްމަންޓްތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވާ މަސްރޭހުގެ ސަބަބުން، ޗެމްޕިއަންކަން ހޯދުމަށް ސްޓެލްކޯ އަންހެން ޓީމަށް ހިތްވަރު ލިބެއެވެ.
ޗެމްޕިއަންކަން ދިފާއު ކުރުމަށް ނުކުންނަ ސްޓެލްކޯ ކަނބަލުންގެ ޓީމުން ފާހަގަ ކުރި ގޮތުގައި މިފަހަރުގެ މުބާރާތުގައި މޫސުން ގޯސްވުމަކީ 'ޗެލެންޖިންގް' ކަމަކަށް ވާނެއެވެ. ނަމަވެސް ޓީމުގެ އަމާޒަކީ ކައިވަތެއްވެސް ދޫނުކޮށް، ހިތްވަރާއެކު އެއްވަނަ ހޯދުމަށް މަސައްކަތް ކުރުމެވެ.
އުރީދޫ މަސްރޭހުގައި ބައިވެރި ވުމުގެ ސުންގަޑި މިރޭ12 އަށް ހަމަވާނެއެވެ.
މުބާރާތުގައި ޖުމުލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެ ވަނަ ޓީމް: 10،000 ރުފިޔާ
- 3 ވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައިވެސް ތިރީގައިމިވާ ތާރީޚުތަކުގައެވެ.
- މާލެ ސިޓީ: 4 އޮގަސްޓް 2023
- ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
- އައްޑޫ ސިޓީ: 18 އޮގަސްޓް 2023
- ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023
އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާއިރު ގިނަވެގެން 30 ޓީމު ވާދަކުރާނެ އެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ. އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.
އުރީދޫ މަސްރޭސް 2023 ގައި ރަޖިސްޓްރީވުމަށް،: http://ore.do/masraceޒިޔާރަތްކޮށްލައްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް