ތ. ހިރިލަންދޫގައި އިމާރާތް ކޮށްފައިވާ ފެނަކައިގެ އާ އޮފީހުން ހިދުމަތް ދޭން ފަށައިފިއެވެ.
ހިރިލަންދޫ އާ އޮފީހުގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވާފައި ވަނީ މާރޗް މަހުގެ ކުރީކޮޅުގައެވެ. އެ އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
ފެނަކަ އާ އޮފީސް ހުޅުވައ ދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. މިސަރުކާރުން ތަރައްޤީ ގެނައުމުގައި ވަކިރަށެއް ތަފާތު ނުކުރާ ކަމަށާ މިގޮތުން ހިރިލަންދޫގެ ތަރައްޤީއަށް ކުރެވުންދާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ.
އެހެން ނަމަވެސް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިރިލަންދޫގެ ކަރަންޓްގެ ޙާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް މިހުޅުވުނު އިންޖީނުގޭގެ އޮފީސް ޢިމާރާތާއި އެކު މުވައްޒަފުންނަށް ފަސޭހަތަކާއި، ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަލަށް މިހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިޢިމާރާތަކީ، 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. މިއީ ތ. އަތޮޅުގައި އިމާރާތް ކުރަމުންދާ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް