ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ހަރަދުތައް ކުރަން ކޮންމެ ކެނޑިޑޭޓަކުވެސް ވަކި ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަން ވާނެ ކަމަށެވެ.
"ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް" ހަބީބު ވިދާޅުވިއެވެ.
އިންތިޚާބާ ގުޅިގެން ކެނޑިޑޭޓަސް ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ، އަލަށް ހުޅުވާ އެކައުންޓަށް ކަމަށް ހަބީބު ވިދާޅުވިއެވެ.
މިފަދަ އެކައުންޓެއް ކެނޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާ އެކީގައި މަޝްވަރާ ކޮށްފައެވެ.
ބޭންކްތަކާ ވާހަކަ ދައްކައިގެން އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައި ބީއެމްއެލްއިން ބުނި ކަމަށް އީސީން މައުލޫމާތު ދެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް