ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބަޑީގެ ހަމަލާގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަބޭ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އަބޭ އަކީ އެންމެ މަތީ ފެންވަރުގެ ދައުލަތުގެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަބޭ އަވަހާރަވުމުގެ ބޮޑު ގެއްލުމާ ކުރިމަތިލާއިރު، އެމަނިކުފާނުގެ އާއިލާއަށާއި ޖަޕާނުގެ ރައްޔިތުންނަށާއި ސަރުކާރަށް ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެގެން ފަރުވާދެމުންދަނިކޮށް އަވަހާރަވި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވީ މިއަދުއެވެ.
އަބޭގެ ހަށިކޮޅަށް ބަޑި ޖަހާ ޒަޚަމްކޮށްލީ ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.
ޖަޕާންގެ މީޑިއާތަކުން ބުނާ ގޮތުގައި އަބޭގެ މޭ މައްޗަށާއި ކަރަށް ވެސް ވަނީ ވަޒަން އަރާފައެވެ. އެ ހަމަލާއަށް ފަހު އަބޭ ހެލިކަޕްޓަރުގައި ގެންދިޔައީ ނާރާ މެޑިކަލް ޔުނިވަރސިޓީ ހޮސްޕިޓަލަށެވެ.
އަބޭއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަބޭ ވަނީ ޑިސެމްބަރު 2012 އިން ސެޕްޓެމްބަރު 2020 އަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. މިއީ ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް