ދިވެހި ހުރިހައި ހައްޖާޖީން ތިބީ ޢަރަފާތު ބިމުގައި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީންބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ދިވެހި ހައްޖާޖީން ޢަރަފާތު ބިމަށް ދިޔައީ ރާއްޖެ ގަޑިން މިއަދު ހެނދުނު 11 ޖެހިއިރު ކަމަށެވެ. އަދި އެއީ މައްކާ ގަޑިން 9 ޖެހި އިރު ކަމަށެވެ.
ދިވެހި ހުރިހައި ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޙައްޖު ދުވަހުގައި (އަރަފާތުގެ ދުވަހުގައި) އަރަފާތު ބިމަށް ގޮސް އެތަނުގައި ތިބުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުނެވެ. ޢަރަފާތު ދުވަހު ޢަރަފާތު ބިމުގައި ނުތިބެ ޙައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.
ޙައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ޚުތުބާ ދެނީ ކީރިތި ރަސޫލާ ޙައްޖަތުލްވަދާއު ގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަލޭގެފަނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.
މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ޙައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ޙައްޖުކުރެއްވި ގޮތަށެވެ.
ޢަރަފާތުގެ ބިމުގައި ޙައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް ޢަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.
މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެއެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ.
މުޒްދަލިފާއަކީ ޢަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. މުޒްދަލިފާއަށްގޮސް ހައްޖުވެރިން މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢުކޮށް (ޖަމްއު ތައުޚީރު) ކޮށެވެ. އެއް ބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ.
އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް