ނައިފަރުގަ ކޯވިޑް ކޮންޓްރޯލް ކުރެވުނީ ހަތަރު މަހުން، މޮނިޓަރިންގެ ހާލަތު އުވާލައިފި

ޅ. ނައިފަރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. އެ އަތޮޅުގައި ސަރުކާރުގެ މަސް ފެކްޓްރީ ހިންގާ ފެލިވަރުގެ ޕޮސިޓިވް ކޭސްތަކަކާއި ގުޅުން ހުރި ބަޔަކު ޕޮސިޓިވްވެ ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނައީ މި...

08 Jul 2021 | 17:33

ޅ. ނައިފަރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެ އަތޮޅުގައި ސަރުކާރުގެ މަސް ފެކްޓްރީ ހިންގާ ފެލިވަރުގެ ޕޮސިޓިވް ކޭސްތަކަކާއި ގުޅުން ހުރި ބަޔަކު ޕޮސިޓިވްވެ ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ނައިފަރު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތު އުވާލި އިރު މިހާރު އެ ރަށުގައި ކޯވިޑަށް ޕޮސިޓިވް ތިބީ ތިން މީހުންނެވެ. އަދި މިއަދު އަލަށް އެއްވެސް މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.

މިދިޔަ ހަތަރު މަސް ތެރޭގައި ނައިފަރުން 921 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވެ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 914 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އެންމެ ގިނަ ދުވަހު މޮނިޓަރިންގައި ހާލަތުގައި އޮތް ނައިފަރު މިއަދު އާންމު ހާލަތަށް ގެނައި އިރު އަތޮޅު ތެރޭގެ ކޯވިޑް ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި އެވެ.

ކޯވިޑް ހާލަތު ގޯސްވެ ގާތް ގަނޑަކަށް 80 ވަރަކަށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި އިރު މިވަގުތު މޮނިޓަރިންގައި އޮތީ 27 ރަށެކެވެ.

އަތޮޅު ތެރޭގައި މިހާރު އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ ރަށަކީ ގދ. ތިނަދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް