ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލަށް ތާއީދު ނުކުރާކަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހާމަކޮށްފި އެވެ.
އެ ބިލު ކޮމިޓީ މަރުހަލާއިން ނިންމައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ފާސްކުރުމަށް އޮތީ އެޖެންޑާ ކޮށްފައި އެވެ. އެކަމަކު ފަހުވަގުތު އެމްޑީޕީން ވަނީ ބިލު އަނުރާ ކޮމިޓީއަށް ފޮނުވާކަން ނިންމާފައިވާކަން ހާމަކޮށްފައި އެވެ.
އެގޮތަށް ހާމަ ކުރުމުގެ ކުރިން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުތަރު ބިލަކީ ރާއްޖޭގެ އިސްލާމީ މުޖުތަމައުއާ އެންމެ އެކަށޭނެ ބިލެއް ނޫން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް މި ބިލުން ހިތްވަރު ލިބިގެންދާނެ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ ނަފުރަތުގެ ބިލުން އެއް އުއްމަތެއްގެ ގޮތުގައި މިއޮތް ދިވެހި ޤައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދިމި ބިލު ވާނީ މުޖުތަމައު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދުމުގެ އިތުރުން ގައުމު އިތުރަށް ފަސާދަ ވުމަށް ހުޅުވޭ ފުރުސަތަކަށް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނުތަކާއި ގަވައިދުތައް ނެތިގެން ނޫން ކަމަށެވެ. ހަރުކަށި ފިކުރު އިތުރުވަމުން ދަނީ މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް