ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރު ކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ އިސްލާހާއި އެއްގޮތަށް އެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބާއި އެއްކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަން ބާއްވަން ޖެހެނީ ނ. ކެނދިކުޅުދޫ އާއި ލ. މާބައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ކަމަށެވެ. ދެން އިންތިހާބު ބާއްވަން ޖެހޭ ނުވަ ދާއިރާ އަކީ ކޮމިޓީއަށް ފަސް މެމްބަރުން ހަމަވާ ވަރަށް ކުރިމަތިލާފައިނުވާ ދާއިރާތަކެވެ.
އީސީން ވަނީ މި ދާއިރާތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައިވާދަ ކުރުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުޅުވާލާފައިވާ މުއްދަތު މިއަދު ހަމަވާތީ އަނެއްކާވެސް މުއްދަތު އިތުރު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ މިހާރު ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާދަމާ ރޭ ދަންވަރު 12:00 ގައި ކަމަށެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން ހުވާ ކުރީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. ދެ ރަށެއްގެ ބައި އިލެކްޝަން އިއުލާނު ކުރި އިރު އަދި މިއުޅެނީ ހުވާ ކުރިތާ ދެ މަސް ނުވެގެންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން އީސީ އާއި ހަވާލު ކުރުމުން އެ ކޮމިޝަނުން އެ ބިލު ފާސްކުރުމުގެ ކުރިން އެކަމަށް ދެކޮޅުވެސް ހެދި އެވެ. އެކަމަކު މަޖިލީހުން ނިންމާފައިވަނީ އިންތިހާބުތައް އީސީގެ ދަށުން ކުރިޔަށް ގެންދިއުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް